ސަރުކާރުގެ މަގު ހަދާ ކުންފުނި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ ޗެއާމަންކަމުގެ މަގާމަށް މ. އެމޭޒަމް މުހައްމަދު ޝަމީ އާދަމް އަނެއްކާ ވެސް އައްޔަންކޮށްފިއެވެ.

މީގެ ކުރިން އާރްޑީސީގެ ޗެއާމަންގެ މަގާމަށް ޝަމީ އައްޔަން ކުރީ 2024 ވަނަ އަހަރުގެ ޖެނުއަރީމަހުގައެވެ. އޭނާއަކީ ވަރަށް ފުޅާ ދާއިރާއެއްގައި އަމިއްލަ ވިޔަފާރި ކުރައްވާ ބޭފުޅެކެވެ. ޝަމީއަކީ ސްޓެލިއަން މޯލްޑިވްސް ގްރޫޕުގެ ހިއްސާދާރެއް އަދި ޗެއާމަންއެވެ.

ނަމަވެސް އާރުޑިސީގެ ބޯޑު މެންބަރުކަމުންނާއި ޗެއާމަންކަމުގެ މަގާމުން މިދިޔަ އޭޕްރީލް މަހު އޭނާ ވަކިކުރިއެވެ.

ނަމަވެސް އެ މަގާމުތަކުން އޭނާ ވަކި ކުރި ސަބަބެއް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރައިވަޓައިޒޭޝަން ބޯޑް (ޕީސީބި) އިން ނުބުނެއެވެ.

"ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ޗެއާޕާސަންގެ މަގާމުންނާއި އެކުންފުނީގެ ބޯޑުގެ މެންބަރުކަމުން، މ. އެމޭޒަން، މުހައްމަދު ޝަމީ އާދަމް، 27 އެޕްރީލް 2025 ވީ އާދިއްތަ ދުވަހު ވަނީ ވަކިކޮށްފަ،" އެކްސްގައި ޕީސީބީން އޭރު ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.

އޭނާ ވަނީ މީގެ ކުރިން އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުގެ ބޯޑުގައި ވެސް ހިދުމަތް ކުރައްވައިފައެވެ.

ސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑްގެ ބޯޑު މެންބަރުކަމުން، އޭނާ ވަކިކުރީ، ވެސް އޭޕްރީލްމަހުގެ ތެރޭގައެވެ.