މާލޭ ރޯމަސްމާރުކޭޓު ހިންގާ އިމާރާތުގައި ގަވާއިދާ ހިލާފަށް ހިންގާ ވިޔަފާރިތައް ހުއްޓުވުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފިއެވެ.

އެކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ މަސްމާރުކޭޓުގެ ފުރަތަމަ ފަންގި ފިލާ އާއި ދެވަނަ ފަންގިފިލާގައި އެއްވެސް އެއްބަސްވުމެއް ނެތި ގަވައިދާ ހިލާފަށް ހިންގަމުންދާ ބައެއް ފިހާރަތަކާއި ގުދަންތަކާއި އެހެނިހެން ބޭނުމަށް ބޭނުން ކުރަމުންދާ ތަންތަން ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެތަންތަނުގެ ތެރެއިން މި އިއުލާން ހިއްޕާފައިވާ ތަންތަން ހިންގާ ފަރާތްތަކުން މިފަދަ ތަންތަން ހިންގަމުންދަނީ ނުވަތަ ބޭނުން ކުރަމުން ދަނީ އެއްބަސްވުމެއްގެ ދަށުން ކަމުގައި ވާނަމަ އެފަދަ އެއްބަސްވުން މިއަދުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ލިޔުމަކުން އެކަން ކައުންސިލަށް އަންގަން ވަނީ އެދިފައެވެ.

މި ހަތް ދުވަހުގެ ތެރޭގައި ލިޔުން ހުށަނާޅާ ތަންތަނަކީ އެއްވެސް މީހަކު ބޭނުން ނުކުރާ ތަންތަން ކަމުގައި ބަލައި އެ ތަންތަން ކައުންސިލްގެ ބެލުމުގެ ދަށަށް ގެންނާނެ ކަމަށެވެ. އެގޮތުން ކައުންސިލްގެ ބެލުމުގެ ދަށަށް ގެންނަ ފިހާރަތަކާއި ގުދަންތަކާއި އެހެނިހެން ތަންތަން ސާފު ކުރުމުގެ މަސައްކަތް ކުރާ އިރު އެފަދަ ތަންތަނުގައި ބަހައްޓާފައި ހުންނަ ތަކެއްޗަކީ ބޭނުން ނެތިގެން ދޫކޮށްލާފައިވާ ތަކެތި ކަމުގައި ބަލައިގެން އެފަދަ ތަކެތި ކުނީގެ ގޮތުގައި ނައްތާލާނެ ކަމަށްވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.

"ވީމާ، މިފަދަ ތަންތަނުގައި އެއްވެސް ފަރާތަކުން އެއްޗެއް ބަހައްޓާފައި ވާނަމަ އެ ފަދަ ތަކެތި މި އަދުންފެށިގެން 7 ދުވަހުގެ ތެރޭގައި ނެންގެވުމަށް ދެންނެވީމެވެ." އެ އިއުލާނުގައި ބުނެފައިވެ އެވެ.