އއ. ރަސްދޫގެ ބައެއްގެ ގޮތުގައި ހަމަޖެއްސި 200 ހެކްޓަރު ފަޅުން ބިން ހިއްކައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އއ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މިއަދު ހަވީރު ރަސްދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ ގަރާރަކުން ރަސްދޫގެ ބައެއްގެ ގޮތުގައި ފަޅުތެރެއިން 200 ހެކްޓަރު ހަމަޖައްސައިދީފައިވާނެ ކަމަށެވެ. އަދި ބިން ހިއްކައިދެއްވުމަށް އެ މަނިކުފާނު ވައުދުވެވަޑައިގެންފައިވާ ގޮތަށް އެ ފަޅުތެރެއިން ބިން ހިއްކައިދެއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އެ މަޝްރޫއަކީ ދެންމެ މި ދެންނެވި ދެ މަޝްރޫއު، ބަނދަރުގެ މަޝްރޫއާއި މަޑިވަރު ފިނޮޅު ތިބޭފުޅުންނަށްޓަކައި ހިމާޔަތްކޮށްދީ ތަރައްގީކޮށްދިނުމުގެ މަޝްރޫއުގެ އިތުރަށް އެ މަޝްރޫއުތައް ނިންމާފައި އަޅުގަނޑުމެން މި ދެންނެވި ފަޅުން އަޅުގަނޑުމެން މި ރަށުގެ ބައެއްގެ ގޮތުގައި ކަނޑައެޅި 200 ހެކްޓަރުގެ ފަޅުގެ ތެރޭގައި އިތުރު ބިން ހިއްކުމުގެ މަޝްރޫއެއް އަޅުގަނޑުމެން ފަށާނަން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރަށުގެ ލޯކަލް ޓޫރިޒަމަށް އަދި ޖުމުލަކޮށް ރައްޔިތުންގެ ބޭނުންތަކަށް ވެސް ބޭނުންކުރަން އޮތް ފިނޮޅު، މަޑިވަރު ފިނޮޅު ހިމާޔަތްކޮށް ތަރައްގީކޮށްދެއްވާނެ ކަމަށް ވެސް ވައުދުވެވަޑައިގެންފައިވާނެ ކަމަށާއި ވަރަށް އިސްކަމެއް ދެއްވައިގެން އެ މަޝްރޫއު ވެސް ކުރިއަށްގެންގޮސްދޭނެ ކަމަށެވެ.

"މި މަޝްރޫއަކީ ވެސް އަޅުގަނޑުމެން ވަރަށް އިސްކަންދީގެން، އެ ތަނުގެ ވަށައިގެން ޖިއޯ ބޭގްސް ޖަހައި އެ ތަނަށް ވެލި އަރާ ގޮތަށް ތަރައްގީކޮށްދީ، ތިބޭފުޅުން ލޯކަލް ޓޫރިޒަމްގެ ބޭނުމާއި ޕިކްނިކް ދިއުމާއި ހުރިހާ ކަމަކަށް ބޭނުންކުރެވޭ ގޮތަށް ވަރަށް އިސްކަންދީގެން، ހައި ޕްރަޔޮރިޓީ މަޝްރޫއެއް ގޮތުގައި އިރާދަކުރެއްވިއްޔާ އެ ފިނޮޅުގެ މަޝްރޫއު އަޅުގަނޑުމެން ކުރިއަށްގެންގޮސްދޭނަން،" އެ މަނިކުފާނު ވިދާޅުވިއެވެ.

އެ ޖަލްސާގެ ތެރެއިން މިއަދު ވަނީ ރަސްދޫގައި މަޝްރޫއުތަކެއް ހިންގުމަށް އެއްބަސްވުންތަކެއްގައި ސޮއިކޮށްފައެވެ. ރަސްދޫ ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާ ހަވާލުކުރި އިރު، އއ. އަތޮޅު ތައުލީމީ މަރުކަޒުގެ ތިން ބުރި އިމާރާތުގެ މަސައްކަތް ހަވާލުކުރީ އެމްޓީސީސީއާ އެވެ. އަދި ރަސްދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ހަވާލުކުރީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ އެވެެ.