އއ. ތޮއްޑޫގައި އަންނަ އަހަރުގެ ފެބްރުއަރީ މަހު ސީޕްލޭން ދަތުރުތައް ފަށަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ތޮއްޑުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ރަށްރަށުގެ އިގުތިސޯދު ކުރިއެރުވުމަކީ ސަރުކާރުން ވަރަށް އިސްކަމެއްދޭ ކަމެއް ކަމަށެވެ. އެގޮތުން ތޮއްޑޫއަކީ ދަނޑުވެރިކަމާއި ޓޫރިޒަމްގެ ދާއިރާއިން ވަރަށް ކުރިއަރާފައިވާ ރަށެއް ކަމަށާއި އެ ރަށުގައި 80 ވަރަކަށް ޓޫރިޒަމް ވިޔަފާރި އެބަ ހިންގާ ކަމަށެވެ. އެހެންކަމުން ސަރުކާރުގެ ސިޔާސަތަކީ އެކަންކަން ކުރިއަރުވަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"އެގޮތުން އިރާދަކުރެއްވިއްޔާ މި ރަށަށް ހާއްސަ ސީޕްލޭން ޕްލެޓްފޯމް ގާއިމުކުރެވި އެކަމަށް ބޭނުންވާ ހުރިހާ ތައްޔާރީތަކެއްވެ، މި އަންނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ޝެޑިއުލް ސީޕްލޭން ދަތުރުތައް މިރަށަށް ފަށާނަން،" ރައީސް ވިދާޅުވިއެވެ.
އެކަމުގެ ސަބަބުން ހާއްސަކޮށް ކަނޑުގަދަވާ ދުވަސްތަކަށް ޓޫރިޒަމްގައި މަސައްކަތް ކުރާ ފަރާތްތަކަށް ދިމާވާ ކަންބޮޑުވުމާއި ދަތިތަކަށް ފަސޭހަތަކެއް ލިބި، ރައްޔިތުންނަށް ވެސް ނުހަނު ފަސޭހަތައް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުުވީ 30 އެނދުގެ ސިއްހީ މަރުކަޒުގެ މަޝްރޫއު އަމަލީ ގޮތުން ފެށުމުގެ ހުރިހާ މަސައްކަތެއް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން އެކަމަށް ބޭނުންވާ އެޑްވާންސް ފައިސާ ހަމަޖެހިފައިވާ ކަމަށެވެ.
"މި މަޝްރޫއުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޑިޒައިންގެ ތެރޭގައި ހިމެނޭ ޖާގަތަކުގެ ތެރޭގައި މި 30 އެނދުގެ މަޝްރޫއު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ބޭނުންވާ އޮޕަރޭޝަން ތިއޭޓަރާއި އިއިސީޔޫވެސް ހިމެނުމުގެ ފުރުސަތު އޮތްކަން ކަމާބެހޭ ހެލްތު މިނިސްޓްރީގެ އެކްސްޕާޓުން ޔަގީންކަން ދެއްވާފައިވާތީ، މި މަޝްރޫއު އަޅުގަނޑުމެން ކުރިއަށް ގެންދާނީ 30 އެނދުގެ ހޮސްޕިޓަލެއްގެ ގޮތުގައިކަން ތިބޭފުޅުންނަށް ޔަގީންކަން އަރުވަން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ އެެ ރަށަކީ ދަނޑުވެރިކަމުގެ ދާއިރާގައި ހާއްސަ ރަށަކަށްވާތީ ހަޔާ އެޑިއުކޭޝަން ސިޔާސަތުގެ ތެރެއިން އެންއެންޔޫގައި ފެކަލްޓީ އޮފް ފުޑްސް އެންޑް ސައިންސް އުފައްދައި އެ ފެކަލްޓީގެ އިމާރާތް އެ ރަށުގައި ގާއިމުކޮށް ހިންގަން ނިންމަވާފައިވާކަން ވެސް އިއުލާނު ކުރައްވައިފައެވެ.
"އެހެންވީމަ އެ މަޝްރޫއު ވަރަށް އަވަހަށް ފެށޭނެ. އެ ފެކަލްޓީ މި ރަށުގައި ގާއިމުކުރުމުގެ މަސައްކަތް، މިކަން ވެގެންދާނީ އެތައް ގޮތަކުން ރަށަށް ކުރިއެރުން ލިބޭނެ ކަމަކަށް. ތައުލީމީ ގޮތުން އެ ދާއިރާއިން ކިޔަވަން ބޭނުންވާ ކުދިން މި ރަށަށް އައިސް ކިޔެވުމާއި އަދި އޭގެ ތެރެއިން ސީދާ އަދި ނުސީދާ އެތައް ފައިދާއެއް ހުންނާނެ. އެ މަޝްރޫއުވެސް އޮތީ ތަރުތީބުވެފައި، މާ ލަސްތަކެއް ނުވެ އަމަލީ މަސައްކަތް ފެށިގެންދާނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ ރަށުގެ މަގު ހެދުމުގެ މަޝްރޫއު ވެސް ފެށުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތައް ނިމިފައިވާ ކަމަށެވެ. އަދި ރައްޔިތުން ބޭނުންވާ ގޮތަށް ގާއަތުރައިގެން އެ މަޝްރޫއު ކުރިއަށްގެންދަން ނިންމާފައިވާ ކަމަށާއި ޓޫރިޒަމް ކުރިއަރާފައިވާ ރަށެއްގައި އެގޮތަށް މަގު ހެދުމަކީ އެ މަނިކުފާނު ވަރަށް ހިތްހަމަ ޖެހިވަޑައިގަންނަވާ ކަމެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު