ކޮންމެ އަތޮޅެއްގައި ޕިކްނިކް އައިލެންޑެއް ތަރައްގީކުރުމުގެ މަޝްރޫއެއް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އއ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މަތިވެރީގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ ޕިކްނިކް އައިލެންޑެއް ހަދައިދިނުމަށް ގިނަ އަތޮޅުތަކަކުން އެދޭ ކަމަށާއި ހާއްސަކޮށް ޓޫރިޒަމް ފުޅާވަމުންދާ ރަށްރަށުން އެދޭ ކަމަށެވެ. އަދި ޓޫރިޒަމް ބޭނުމަށް ނޫނަސް، ރަށުގެ ރައްޔިތުން ޕިކްނިކް ދާނެ ތަނެއް ނެތީމަ ވެސް އެ ރިކުއެސްޓް އަންނަ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"އެހެންވީމާ އަޅުގަނޑުމެން ވަރަށް އަވަހަށް މުޅި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އެއް ރަށް އަޅުގަނޑުމެން ނަގައި، އެ ރަށް އެއީ އެ އަތޮޅެއްގެ ރައްޔިތުންނާއި އެ އަތޮޅެއްގެ ރައްޔިތުންގެ އެކިއެކި ގެސްޓްހައުސްތަކާއި މިކަހަލަ ތަންތަނަށް އަންނަ ގެސްޓުން ޕިކްނިކް ދިއުމާއި އެކަހަލަ ބޭނުންތަކަށް ސަރުކާރުން ތަރައްގީކޮށްދީފައި އޮންނަ ޕިކްނިކް އައިލެންޑެއް. ރާއްޖޭގެ ކޮންމެ އަތޮޅެއްގައި އެއް ރަށް އަޅުގަނޑުމެން ހަދައިދޭނަން،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ވަރަށް އަވަހަށް އެ މަޝްރޫއު ފެށިގެންދާނެ ކަމަށާއި އާއިލާތައް ޕިކްނިކް ދާނެ ތަނެއް ނެތީމަ ރަށްރަށުގެ ރައްޔިތުންނަށް މިހާރު ވަރަށް އުނދަގޫވާ ކަމަށެވެ. އަދި ގިނަ ރަށްރަށުގައި ގެސްޓްހައުސްތަކުގެ ގެސްޓުން ގެންދާނެ ތަނެއް ވެސް ނެތް ކަމަށް ވިދާޅުވިއެވެ.
"މިހެން ދެންނެވިޔަސް އަޅުގަނޑުމެން ބައެއް ރަށްރަށުގައި އެ ރަށަށް ހާއްސަކޮށް ވެސް ޕިކްނިކް އައިލެންޑް އެބަ ޑިވެލޮޕް ކޮށްދެން. އޭގެ އިތުރަށް ކޮންމެ އަތޮޅަކަށް އެއް ރަށް ސަރުކާރުން ތަރައްގީކޮށްދީ، ޕިކްނިކް ދެވޭގޮތަށް ހަމަޖައްސައިދިނުމުގެ މަޝްރޫއެއް އެބަ ފަށަން. އެ މަޝްރޫއާ ބެހޭ ދިރާސާތައް މިހާރު އެބަ ހިނގާ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އެ މަޝްރޫއާ ބެހޭ ދިރާސާތައް ހެދުމަށްފަހު، އެ މަޝްރޫއު ފެށުމަށް ކެބިނެޓުން ވަރަށް އަވަހަށް ނިންމާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު