ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މީޑިއާ ކޮމިޝަނުގެ ބިލަކީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ބިލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ތުޅާދޫ ދާއިރާގެ މިނިވަން މެންބަރު އަބްދުލް ހަންނާން އަބޫބަކުރު ހުށަހެޅުއްވި އެ ބިލުގެ އިބުތިދާއީ ބަހުސްގައި މިއަދު ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ އެ ބިލު ހުށަހެޅުމަށްފަހު ކުރީން އަނބުރާ ގެންދެވުމުން އެކަމާ ގުޅޭ ގިނަ ދިރާސާތަކެއް ކުރެއްވި ކަމަށެވެ. ދިރާސާއިން، އެ ބިލަކީ ބައިނަލްއަގްވާމީ ގިނަ މިންގަނޑުތަކާ އެއްގޮތަށް އޮތް ބިލެއްކަން އެނގިގެންދިޔަ ކަމަށްވެސް ވިދާޅުވިއެވެ.
މިސާލެއްގެ ގޮތުން ފިންލޭންޑް އަދި ސްވިޑަންގެ އިލެކްޓްރޯނިކް ކޮމިއުނިކޭޝަންސް ސާވިސް ބިލާއި އެއްގޮތް ކަމަށާއި އިނގިރޭސިވިލާތުގެ މީޑިއާ އެކްޓް 2048ގެ މައިގަނޑު ބައިތައް އެ ބިލުގައި އޮތީ ހިމަނައިފައި ކަމަށް ވިދާޅުވިއެވެ. އަދިވެސް އިތުރު ބައެއް މިސާލުތައް އޭނާ ފާހަގަކުރެއްވި އެވެ.
ނާޒިމް ވިދާޅުވީ އެފަދަ ބިލެއް ހުށަހެޅުމުން މިހާރު ރާއްޖޭގައި ކަން ހިނގަމުންދާ ގޮތަށް ބަލައިލަން ޖެހޭ ކަމަށެވެ. އަދި ރާއްޖޭގައި ހިންގާ ނޫސްތަކަށް އޭނާވަނީ ފާޑު ވިދާޅުވެފަ އެވެ.
އެގޮތުން އެ ބިލާ ގުޅޭ ހަބަރުތަކުގެ ސުރުހީތަކުގައިވެސް އޮތީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތަކެއްކަމަށް އޭނާ ވިދާޅުވި އެވެ.
"ސަބަބަކީ މިހާރު މި އޮތް ދެ ކޮމިޝަނުގެ ބަދަލުގައި މި ބިލުން އުފަންކުރަން ހުށަހަޅާ ކޮމިޝަނަކީ 7 މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނެއް. އެ ހަތް މެންބަރުންގެ ތެރެއިން ތިން މެންބަރުން މިއޮތީ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާ ގޮތަށް. އަނެއް 4 މެންބަރުން މިއޮތީ އިލެކްޝަންސް ކޮމިޝަން މެދުވެރިވެގެން މީޑިއާތަކުން އައްޔަނުކުރައްވާ 4 މެންބަރުން. އެހެންވީމާ ކޮމިޝަންގެ ރިޔާސަތުގައި ކޮންމެ ބޭފުޅަކު އިންނެވިކަމުގައިވިޔަސް 4-2ގެ މެޖޯރިޓީއެއް ހަމަގައިމުވެސް އޮންނާނެ،"
ނާޒިމް ވިދާޅުވީ މިހާރު ރާއްޖޭގައި ހިންގަމުންދާ މީޑިއާތަކަކީ ޗެކްބުކް އުސޫލުން ހިންގާ މީޑިއާތަކެއް ކަމަށެވެ.
"ފައިސާ ދިނީމާ ފައިސާ ދޭ ގޮތަކަށް ސުރުހީ ޖަހައިދޭނެ، 100 ޕަސަންޓު، ސުރުހީ ނަގައިވެސް ދޭނެ،"
އޭނާވަނީ އެއިރެއްގައި އޮންނަ ސަރުކާރުތަކުގެ ފަހަތުން ދުވުން ހުއްޓާލައި އަމިއްލަ ފައިމައްޗަށް މީޑިއާތައް ތެދުވެގެން ނޫނީ ނޫސްވެރިކަން ކުރި ނާރާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.
ނާޒިމް ވިދާޅުވީ ގައުމުގެ ކަންކަން ރަނގަޅުކުރަން މަސައްކަތްކުރާއިރު މީޑިއާވެސް އިސްލާހުވާން ޖެހޭ ކަމަށެވެ. މީޑިއާތައް އަމިއްލައަށް ރެގިއުލޭޓް ކުރާނަމޭ ބުނި ނަމަވެސް މީޑިއާތަކަށް އެކަން ކުރެވިފައި ނުވާކަން ނާޒިމް ފާހަގަކުރެއްވި އެވެ.
އާއިޝަތު މާހާ
އެވިޑް ކޮލެޖް
ބ. ދަރަވަންދޫ
ކުށް
ރިޕޯޓް