އިސްރާއީލުން އަނެއްކާވެސް ހަނގުރާމަ ފަށައިފާނެ ކަމަށް އިރާނުން ބުނެފިއެވެ.

އިރާނުގެ ސީނިއާ އޮފިޝަލަކު އިއްޔެ ވަނީ އިސްރާއީލުން އިރާނާ ދެކޮޅަށް ހަނގުރާމަ ފަށައިފާނެ ކަމަށާއި ޖޫން މަހު އެއްބަސްވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކީ ވަގުތީ އެއްބަސްވުމެއް ކަމަށް ބުނެފައެވެ.

އިރާނުގެ ނަިއބު ރައީސް މުހައްމަދު ރެޒާ އަރީފް ވަނީ އިރާނުން ހަނގުރާމައަކަށް ތައްޔާރުވާން ޖެހޭކަމަށާއި އޭރު އެއްބަސްވި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އުވިފައިވާކަމަށް ވިދާޅުވެފައެވެ.

ޖޫންމަހު އިސްރާއީލުން އިރާނުގެ ނިއުކްލިއާ އަދި މިލިޓަރީ ސައިޓުތަކަށާއި އާންމުންގެ ގޭގެއަށް ދިން ކުއްލި ހަމަލާގައި 1000 އަށްވުރެ ގިނަ މީހުން މަރާލާފައިވެއެވެ. މަރާލާފައިވާ މީހުންގެ ތެރޭގައި އިރާނުގެ ނިއުކްލިއާ ސީނިއާ ކޮމާންޑަރުންނާއި ސައިންޓިސްޓުން ހިމެނެއެވެ.

އިރާނުން ވަނީ ބަދަލުހިފުމުގެ ގޮތުން އިސްރާއީލަށް ހަމަލާދީ އެ ގައުމަށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އަދި އިސްރާއީލުން ވެސް ވަނީ އިރާނަށް ހަމަލާދީ ގެއްލުންތަކެއްވެސް ދީފައެވެ.

ހަނގުރާމަ ހުއްޓާލުމަށް ޖޫން މަހުގެ 24 ވަނަ ދުވަހު ދެގައުމަށް އެއްބަސްވުމާއެކު ހަނގުރާމަ ވަނީ ހުއްޓާލާފައެވެ.

އިރާނުގެ މިލިޓަރީ އެޑްވައިޒަރު އިއްޔެ ވަނީ އިރާނުން އެންމެ ގޯސް ހާލަތަކަށް ނަމަވެސް ތައްޔާރުވުމަށް ކަމަށް ބުނެ ސަމާލުވުމަށް ގޮވާލައިފައެވެ.