ދިވެހިރާއްޖޭގައި އެކައުންޓިންގ އަދި މާލީ ދާއިރާ ހަރުދަނާކުރުމަށްޓަކައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓަންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ) އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

ބީއެމްއެލުން މިއަދު ބުނީ މި އެއްބަސްވުމުގެ ދަށުން، ބީއެމްއެލް އާއި ސީއޭ މޯލްޑިވްސް ގުޅިގެން ދާއިރާގެ މައުލޫމާތު އާންމުންނަށް ހިއްސާކުރުމާއި ގަވާއިދުތައް އެކުލަވައިލުމާއި ދާއިރާގެ ފަންނުވެރީންގެ ގާބިލުކަން އިތުރުކުރުމާއެކު އެކައުންޓިން އަދި އޮޑިޓިން ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް ވެސް މަސައްކަތް ކުރާނެ ކަމަށެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ މި އެއްބަސްވުމަކީ މުޅި ގައުމުގައި އެކައުންޓިން އަދި މާލީ ދާއިރާގެ ޕްރޮފެޝަނަލް މިންގަނޑުތައް އިތުރަށް ހަރުދަނާ ކުރުމަށް އަޅާ މުހިންމު ފިޔަވަޅެއް ކަމަށެ.

"ސީއޭ މޯލްޑިވްސްއާއެކު ކުރުމަށް ހަމަޖެހިފައިވާ މުހިންމު މަސައްކަތްތަކާއެކު އަޅުގަނޑުމެންގެ މަގުސަދަކީ ގާބިލުކަން އިތުރުކޮށް، ދާއިރާގެ އެންމެ ރަނގަޅު އުސޫލުތައް ކުރިއަރުވައި ދިވެހިރާއްޖޭގެ މާލީ ދާއިރާ އާއި އިގުތިސޯދު ތަރައްގީ ކުރުމުގައި މިހާރު އަދާކުރަމުންދާ ދައުރު އިތުރަށް ފުޅާކުރުން،" ސީއީއޯ ޝަރީފް ވިދާޅުވިއެވެ.

މި އެއްބަސްވުމުގެ ބޭނުމަކީ އެކައުންޓިން އަދި މާލީ ދާއިރާގައި ހުނަރާއި މައުލޫމާތާއި އަދި އަހުލާގީ މިންގަނޑުތައް ތަރައްގީ ކުރުމަށް އެހީތެރިވެދިނުމާއެކު ދެ މުއައްސަސާއަށާއި ރާއްޖޭގެ އިގުތިސޯދަށް ދުރު މުސްތަގްބަލަކަށް ފައިދާ ހޯދައިދިނުން ކަމަށް ވެސް ބީއެމްއެލުން ބުންޏެވެ.

ބީއެމްއެލުން ވަނީ މީގެ ކުރިން މޯލްޑިވްސް އެކައުންޓަންޓްސް ފޯރަމް (އެމްއޭއެފް) ބޭއްވުމަށްޓަކައި ސީއޭ މޯލްޑިވްސްއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. މި ފޯރަމްގެ މަގުސަދަކީ އެ އިންސްޓިޓިއުޓްގެ މެންބަރުންނާއި ރާއްޖޭގައި އެކައުންޓިން ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ބޭނުންވާ ތައުލީމާއި ތަމްރީން ފޯރުކޮށްދީ، ރާއްޖޭގެ އެކައުންޓެންސީ ޕްރޮފެޝަން އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށް މަގުފަހިކޮށްދިނުމެވެ.