ތުރުކީ ނޭވީގެ ފްލީޓް ކޮމާންޑަރު އެޑްމިރަލް ކާދިރް ޔިލްޑްޒް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ޑރ. މުއިއްޒު ވަނީ ތުރުކީވިލާތުން ރާއްޖެއަށް ހަދިޔާކުރެއްވި މަނަވަރާއި ދެއްވާ އެއްބާރުލެއްވުން ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ތުރުކީ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި މަނަވަރަކީ، ރާއްޖެއާއި ތުރުކީވިލާތާ ދެމެދު އޮތް ވަރުގަދަ ގުޅުން ދައްކުވައިދޭ ރަމްޒެއްކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. ތުރުކީ ނޭވީގެ ފްލީޓް ކޮމާންޑަރު އެޑްމިރަލް ކާދިރް ޔިލްޑްޒް ވަނީ، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މި ބައްދަލުކުރެއްވުން ނިންމަވައިލައްވަމުން، ރައީސް އަދި ތުރުކީ ނޭވީގެ ފްލީޓް ކޮމާންޑަރު ވަނީ ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ދެގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ތުރުކީން، ރާއްޖެއަށް ހަދިޔާކުރި އަސްކަރީ މަނަވަރު މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވަނީ އެމްއެންޑީއެފްއާ ހަވާލުކޮށްފަ އެވެ. އެ މަނަވަރު ކޮމިޝަންކޮށްފައިވަނީ "ދަރުމަވަންތަ" ގެ ނަމުންނެވެ.

ތުރުކީ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރި، މިސައިލް ފޮނުވޭ އަސްކަރީ އެ މަނަވަރު ރާއްޖެ ގެނެސްފައިވަނީ މިމަހުގެ ނުވަވަނަ ދުވަހުގައެވެ.

ޑިފެންސް މިނިސްޓްރީން މި އަހަރުގެ އެޕްރިލް 13 ވަނަ ދުވަހު ނެރުނު ބަޔާނުގައި ބުނީ ތުރުކީން ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ހަދިޔާކުރަނީ ޑޯގަން ކްލާސްގެ މަނަވަރެއް ކަމަށެވެ.

އެ ބަޔާނުގައި ބުނީ، ރައީސް މުއިއްޒު އެންމެ ބޮޑު އިސްކަމެއް ދެއްވާ ސިޔާސަތަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލް ހިމާޔަތްކޮށް ރައްކާތެރިކުރުން ކަމަށާއި އެ ސިޔާސަތު ތަންފީޒުކުރުމަށްޓަކައި ރަހުމަތްތެރި ގައުމުތަކާ ގުޅުން ބަދަހިކޮށްގެން އެ އަމާޒަށް ވާސިލުވުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.

ތުރުކީގެ އަސްކަރީ އުޅަނދުތަކުގެ މައުލޫމާތު ޝާއިއުކުރާ ވެބްސައިޓުގައި ބުނެފައިވަނީ ތުރުކީން ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ހަދިޔާކުރާ އެ މަނަވަރަކީ ރާއްޖެއާއި ތުރުކީއާ ދިފާއީ ގުޅުން ބަދަހިކުރުމުގެ މުހިންމު ފިޔަވަޅެއްގެ ގޮތުން ތުރުކީގެ ދިފާއީ ވުޒާރާއި ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

އެއީ ޑޯކަން ކްލާހުގެ ފާސްޓް އެޓޭކް ކްރާފްޓެއް ކަމަށްވާ ޓީސީޖީ ވޮލްކަން (ޕީ-343) ގެ މަނަވަރެކެވެ.