ސައިބަރ ފުރޯޑު ހިންގާ ޗައިނާގެ ފަސް މީހަކު ލަންކާއިން ޑީޕޯޓުކޮށްފިއެވެ.

ލަންކާގެ އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ އޮފިޝަލުން ވަނީ އެ ގައުމަށް އެތެރެވުމަށް މަސައްކަތް ކުރި އެފަސް މީހުން ޑީޕޯޓުކޮށްފައިވަނީ އެމީހުންގެ މައުލޫމާތު ބަލައި ކުރި ތަހުގީގަކަށްފަހު ކަމަށް ބުނެފައެވެ.

ލަންކާގެ ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓުން އިއްޔެ ހައްޔަރުކޮށްފައިވާ އެމީހުން އެގައުމަށް އެތެރެވީ ބެންކޮކުން ކަމަށާއި އެމީހުންނާ މެދު ޝައްކުތައް އުފެދުނީ އިމިގްރޭޝަން އޮފިސަރުންނަށް ކަމަށްވެސް އޮފިޝަލުން ބުނެއެވެ.

އޮފިޝަލުން ވަނީ ޝައްކު ކުރެވޭ ކަންކަން ފާހަގަވުމުން އެމީހުން އިމިގްރޭޝަން އެންޑް އެމިގްރޭޝަން އިން ތަހުގީގު ކުރި ކަމަށާއި އެމީހުން ލަންކާއަށް އެތެރެވާން މަސައްކަތް ކުރީ އެ ގައުމުގައި މަސައްކަތް ކުރަން ކަމަށް ފާހަގަވެފައިވާ ކަމަށް ބުނެފައެވެ.

ތަހުގީގުން ހާމަވެފައިވާގޮތުގައި އެމީހުން ކުރީން މަސައްކަތް ކޮށްފައިވަނީ ކެމްބޯޑިއާގައެވެ. އެމީހުންނަކީ ސައިބަރ ފްރޯޑް ހިންގުމުގައި ހަރަކާތްތެރި ވެފައިވާ ބައެއް ކަމަށް ޔަގީން ވެފައިވާކަމަށް ވެސް އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.

ލަންކާގެ އިމިގްރޭޝަނުން ވަނީ ތަހުގީގަށް ލިބުނު މައުލޫމާތުތަކަށް ބަލައި އެމީހުން ޑީޕޯޓުކޮށްފައެވެ.