ސްވިޒްލޭންޑުގައި ބާރަށް ދުއްވި މީހަކު 110،000 ޑޮލަރަށް ޖޫރިމަނާކޮށްފިއެވެ.

ސްވިޒްލޭންޑުގެ ލައުސޭން ސިޓީގައި ދުއްވަން ޖެހޭ ސްޕީޑަށް ވުރެން ބާރަށް ދުއްވި ކަމުގެ ކުށުގައި ޑްރައިވަރަކު ޖޫރިމަނާކޮށްފައިވާއިރު އޭނާ ދުއްވާފައިވަނީ ގަޑިއަކު 27 ކިލޯމީޓަރުގެ ބާރުމިނުގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

އޮފިޝަލުން ވަނީ އެމީހާ ގަވާއިދާއި ހިލާފަށް ދުއްވިކަމަށް ނިންމައި ޖޫރިމަނާކޮށްފައިވާ ކަމަށާއި 90،000 ސްވިސް ފްރެންސް އަށް ޖޫރިމަނާގެ އަދަދު އަރާކަމަށް ބުނެފައެވެ.

ޖޫރިމަނާކޮށްފައިވާ މީހަކީ އެގައުމުގައި މުއްސަނދިންގެ ލިސްޓުގައި ހިމެނޭ މީހެއް ކަމަށާއި އޭނާ އެގޮތަށް ގަވާއިދާހިލާފުވެގެން މީގެ ކުރިންވެސް ނަސޭހަތް ދީފައިވާކަމަށް އެގައުމުގެ ފުލުހުން ބުނެފައިވެއެވެ. ނަމަވެސް ފުލުހުން އެމީހާގެ މައުލޫމާތު ހިއްސާކޮށްފައި ނުވެއެވެ.

ސްވިޒްލޭންޑުގައި ޓްރެފިކް ޖޫރިމަނާކުރަނީ އެމީހެއްގެ މާލީ ތަނަވަސްކަމަށް ބަލާފައި ކަމަށް ރިޕޯޓުތައް ބުނެއެވެ. ސްވިޒްލޭންޑުގެ އިތުރުން ޖަރުމަނާއި ފްރާންސް އަދި އޮސްޓްރިއާ އިން ވެސް ޖޫރިމަނާ ކުރުމުގައި ބަލާ މިންގަނޑުގައި އެމީހެއްގެ މާލީ ތަނަވަސް ކަމަށް ބަލައެވެ.