ބ. ފެހެންދޫގެ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އޭޓީއެމްގެ ހިދުމަތް ފަށައިފިއެވެ.
އެ ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ބ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ފެހެންދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ބީއެމްއެލުން "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން ބ. އަތޮޅުގެ ކަމަދޫ، ކުޑަރިކިލު އަދި ކެންދޫގައި ވެސް އިއްޔެ ވަނީ ސެލްފް ސާވިސް ބޭންކިން އޭޓީއެމް ހިދުމަތް ތައާރަފުކޮށްފައެވެ.
ބީއެމްއެލުން ބުނީ މި ހަފުތާގެ ތެރޭގައި ބ. އަތޮޅުގެ ހުރިހާ ރަށެއްގައި ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ފެށުމަށް ބީއެމްއެލުން އަމާޒު ހިފައިފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ބ. އަތޮޅުގެ އިތުރު ދިހަ ރަށަށް އޭޓީއެމްގެ ހިދުމަތް ދޭން ފެށުމާއެކު 'މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް' ޕްރޮގްރާމްގެ ދަށުން މިއަހަރު ތެރޭ އަލަށް އޭޓީއެމް ހިދުމަތް ދޭން ފެށި ރަށްތަކުގެ އަދަދު 47 އަށް އަރާނެ ކަމަށެވެ.
"ޝައްކެއް ނެތް ގޮތުގައި މިއީ މިހާތަނަށް އަޅުގަނޑުމެން ހިންގާ އެންމެ ބޮޑު އެއް ޕްރޮޖެކްޓް، މިއިން ދޭހަކޮށްދެނީ ރައްޔިތުންގެ މާލީ ބައިވެރިވުން އިތުރުކުރުމަށާއި ރަށްރަށުގެ ތަރައްގީއަށް އަޅުގަނޑުމެންދޭ އަހައްމިއްޔަތުކަން،" ބީއެމްއެލްގެ ސީއީއޯ ވިދާޅުވިއެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 134 ސެލްފް ސާވިސް ބޭންކިން ސެންޓަރު، 189 އޭޓީއެމް، އޭޖެންޓު ބޭންކިން ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ބީއެމްއެލުން ބުނީ އެ ބޭންކުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އީޖާދީ ބޭންކިން ހައްލުތައް ގާއިމުކޮށް މުޖުތަމައު ބާރުވެރިކުރުވުމަށް ކަމަށެވެ.
ފާތިމަތު ލިއުޝާ
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް