ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިސްލާމިކުން ގައުމީ ޔުނިވާސިޓީ، މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގައި ފައިނޭންޝަލް ލިޓްރަސީ ސެޝަނެއް ބާއްވައިފިއެވެ.

ބީއެމްއެލުން ބުނީ އެމްއެންޔޫގެ އޮޑިޓޯރިއަމްގައި މިއަދު ބޭއްވި އެ ސެޝަނުގައި އިސްލާމިކް ފައިނޭންސާއި އިސްލާމިކް ބޭންކިން އާއި ފަހަށް ރައްކާކުރުމުގެ ސަގާފަތެއް ބިނާކުރުމުގެ މުހިއްމުކަމާ ބެހޭގޮތުން މައުލޫމާތުދީފައިވާ ކަމަށެވެ.

މާލީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ބީއެމްއެލުން ދަނީ އަބަދުވެސް އެކަހަލަ ސެޝަންތައް ބާއްވަމުންނެވެ.

ރާއްޖޭގެ އެންމެ ބޮޑު އިސްލާމިކް ބޭންކުގެ ހައިސިއްޔަތުން ބީއެމްއެލް އިސްލާމިކުން އެކައުންޓާއި ކާޑު އަދި ފައިނޭންސިން ހިދުމަތްތައް ހިމެނޭހެން ހުރިހާ އިސްލާމިކް ބޭންކިން ހިދުމަތްތަކެއް ފޯރުކޮށްދެއެވެ.

ބީއެމްއެލްއަކީ އިސްލާމިކް އޯވާޑްރާފްޓް ފައިނޭންސިންއާއި ކޭޝް ފައިނޭންސިން އާއި ހައިބްރިޑް ހޯމް ފައިނޭންސިންގެ އިތުރުން އިސްލާމިކް ޑެބިޓް ކާޑު ރާއްޖެއަށް ތައާރަފުކުރި ބޭންކެވެ. އަދި އެއީ އިސްލާމިކް ކްރެޑިޓް ކާޑު ދޫކުރާ ހަމައެކަނި ބޭންކުވެސްމެއެވެ.

މިއަހަރަކީ ބީއެމްއެލް އިސްލާމިކްގެ ހިދުމަތަށް ދިހަ އަހަރު ފުރުނު އަހަރެވެ.

ބީއެމްއެލް އިސްލާމިކުގެ ދިހަވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން، އެ ބޭންކުގެ ދިހަ ކަސްޓަމަރަކަށް ހައްޖު ދަތުރު ލިބޭ ހާއްސަ ޕްރޮމޯޝަނެއްވެސް ބޭންކުން ވަނީ ފަށައިފައެވެ. ބީއެމްއެލް އިސްލާމިކްގެ ހިދުމަތް މިހާރު ބޭނުންކުރަމުންދާ ކަސްޓަމަރުންނާއި އަލަށް ހިދުމަތް ބޭނުންކުރަން ފަށާ ކަސްޓަމަރުންގެ ތެރެއިން ފައިނޭންސިން ފެސިލިޓީއެއް ބޭނުންކުރަމުންދާ ކަސްޓަމަރުންނާއި މުސާރަ ޖަމާކުރާ ކަސްޓަމަރުންނަށާއި ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓް ނުވަތަ އިސްލާމިކް ކްރެޑިޓް ކާޑެއް ބޭނުންކުރަމުންދާ ކަސްޓަމަރުންނަށް އެ ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ.