އިޒްރޭލަށް ޖާސޫސް ކޮށްދިން 20 މީހަކު އިރާނުން ހައްޔަރުކޮށްފިއެވެ.

އިރާނުގެ އޮފިޝަލުން އިއްޔެ ބުނީ އެގައުމުގައި ހަރަކާތްތެރިވާ އިޒްރޭލުގެ މޮސާޑުގެ 20 މީހުން ހައްޔަރު ކޮށްފައިވާ ކަމަށާއި އެ މީހުންނަށް އަދަބު ދިނުމަށް އެއްވެސް ވަރަކަށް ލުއިދިނުމެއް ނެތް ކަމަށް ބުނެފައެވެ.

އިރާނުގެ ދައުލަތުގެ މީޑިއާއިން ވަނީ އެގައުމުގެ ނިއުކްލިއާ ސައިންޓިސްޓު ރައުޒްބާ ވާދީ ހައްޔަރުކޮށް މަރާލާފައިވާ ކަމަށް ރިޕޯޓުކޮށްފައެވެ. އޭނާ ވަނީ އިޒްރޭލުން އިރާނަށް މިދިޔަ ޖޫން މަހު ދިން ހަމަލާގައި އިރާނުގެ ނިއުކްލިއާ ސައިންޓިސްޓަކު މަރާލުމަށް އެހީތެރިވުމަށް އިޒްރޭލަށް މައުލޫމާތު ހިއްސާކޮށްފައި ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

އިރާނުގެ ޖުޑިޝަރީ ތަރުޖަމާނު އަސްގާރް ޖަހަންގިރީ އިއްޔެ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ހައްޔަރުކޮށްފައިވާ މީހުންނަށް އެންމެ ހަރުކަށި އަދަބު ދޭނެ ކަމަށެވެ.

ތަރުޖަމާނު ވިދާޅުވީ އެމީހުންނާ ދެކޮޅަށް ޝަރީއަތްކޮށް ނިމުމުން އިތުރު މައުލޫމާތު ހިއްސާ ކުރާނެ ކަމަށެވެ.

އިރާނުގައި ތިބި އިޒްރޭލުގެ އެޖެންޓުންގެ އެހީގައި އިޒްރޭލުން އިރާނަށް ދިން ކުއްލި ހަމަލާގައި އެގައުމުގެ އިސް ސައިންޓިސްޓުން ހިމެނޭހެން ގިނަ ބަޔަކު ވަނީ މަރުވެފައެވެ.