މި އަހަރުގެ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ އާއި ދިދަ ނެގުމުގެ ރަސްމިއްޔާތު ހއ. އުތީމުގައި ބާއްވަން ނިންމައި އެކަން އިއުލާނުކޮށްފިއެވެ.

ގައުމީ މަޝްރޫއަކާއެކު މިއަހަރާއި އަންނަ އަހަރުގެ ގައުމީ ދުވަހުގެ ރަސްމީ ހަރަކާތްތައް ހއ. އުތީމުގައި ކުރިއަށްގެންދިއުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓްރީން އިއްޔެ ވަނީ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ އާއި، ދިދަ ނެގުމުގެ ރަސްމިއްޔާތު އުތީމު ގައި ބޭއްވުމަށް ތަން ތައްޔާރުކޮއްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފައެވެ. އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހު 13 ވާ ބުދަދުވަހުގެ މެންދުރުފަހު 1ގެ ކުރިން އެ މިނިސްޓްރީއަށް ބީލަން ހުށަހަޅަން ވަނީ އެދިފައެވެ.

ހއ. އަތޮޅުގެ ރަށްތަކަށް މިދިޔަ ޖެނުއަރީ މަހު ރައީސް ކުރެއްވި ދަތުރުފުޅުގައި އުތީމަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ ގައުމީ ދުވަސް ފާހަގަކުރުމުގައި ވިސްނަވަނީ ކުރީގެ ސަރުކާރުތަކުން ވިސްނިގޮތާ ކުޑަކޮށް ތަފާތުކޮށް ކަމަށެވެ. އަދި ކޮންމެ ދައުރެއްގައި ކޮންމެވެސް އެއް އަހަރަކު އުތީމުގައި ގައުމީ ދުވަސް ފާހަގަކުރާ ކަމަށްވިޔަސް، އެ މަނިކުފާނު ގަސްދުކުރައްވަނީ މުހިންމު މަޝްރޫއެއް ގޮތަށް އެކަން ކުރިއަށްގެންދެވުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

"ގަނޑުވަރާއި މި ރަށުގައި ހުރި މުހިންމު ތަންތަނާއި ތާރީހީގޮތުން ހިމާޔަތްކޮށް، ބަލަހައްޓަން ޖެހޭނެ ތަންތަނާއި އަދި ގައުމީ ވިސްނުމެއްގައި އަޅުގަނޑުމެންނަށް ކުރިއަށްގެންދެވިދާނެ އެކިކަހަލަ ޕްރޮގްރާމުތަކާއި މިކަހަލަ ކަންކަން ހިމަނައިގެން ގައުމީ މަޝްރޫއެއްގެ ގޮތުގައި މި ރަށުގައި ކަންތައްތަކެއް ކުރަން. އެގޮތުން ކުރެވޭ ކަންކަމުގައި އެކަންކަމަށް ލެވޭ ބާރެއްގެ ގޮތުގައި މިހާތަނަށް ސަރުކާރުތަކުން ނުދޭ ސަމާލުކަމެއް ދީގެން، އެއީ ބަޖެޓުގެ ގޮތުން ކަމަށްވިޔަސް، އަދި އެހެނިހެން ވަސީލަތްތަކުގެ ގޮތުން ކަމުގައިވިޔަސް ދީގެން ޖެހިޖެހިގެން ދެ އަހަރު، މިއަހަރާއި އަންނަ އަހަރު ގައުމީ ފެންވަރެއްގައި ގައުމީ ދުވަސް މި ރަށުގައި ފާހަގަކުރަން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދެ އަހަރު ދުވަހުގެ މަޝްރޫއެއް ގޮތަށް ކުރިއަށްގެންދިއުމުން ނަތީޖާއަކަށްވާނީ ފިކުރީގޮތެއްގައި ގައުމީ ވިސްނުން ގައުމުގައި ފެތުރުމަށް އުތީމުން އަދާކުރެވޭނެ ފުރިހަމަ ދައުރު އަދާކުރުމަށް މަގުފަހިކޮށްދިނުން ކަމަށެވެ. އަދި އެކަމަށް ކޮށޭ މަގެއްގެ ގޮތުގައި، ދެ އަހަރު ގައުމީ ދުވަސް އުތީމުގައި ފާހަގަކުރަން ނިންމި ނިންމުމާ އެކީގައި ކަންތައްތައް ފަހިވެގެންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ގައުމީ އައިޑެންޓިޓީ ހިމާޔަތްކުރާ ނަމަ، އުތީމު ގަނޑުވަރު ރަނގަޅަށް ބަލަހައްޓަން ސަރުކާރުން ވަރަށް އިސްކަން ދޭންޖެހޭ ކަމަށާއި އެ ހުންނަންވާ އަސްލުގައި ތަން ބެލެހެއްޓުމަށްޓަކައި މިހާތަނަށް އެކަށީގެންވާ ސަމާލުކަމެއް ދެވިފައި ނުވާ ކަމަށެވެ. އެހެންކަމުން އެކަން ބަދަލުކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެއީ ދިދަ ދަނޑި ކަމަށްވިޔަސް، އިމާރާތުގައި ހުރި ކަމެއް ކަމަށްވިޔަސް، ކޮންމެ ކަމެއް ކަމުގައިވިޔަސް އެ ދޭންޖެހޭ އެންމެ އިސްކަން ދީގެން ގައުމީ ވިސްނުމެއްގައި ހުރިހާ ރައްޔިތުންގެ ހައްގުގައި ކުރާ ކަމެއްގެ ގޮތުގައި ކޮށްދޭންޖެހޭ ކޮންމެ ކަމެއް ކުރާނެކަމުގެ ޔަގީންކަން އިރާދަކުރެއްވީތީ ތިބޭފުޅުންނަށް އަރުވަން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ބޭރުގެ އެހީއެއް ލިބިފައި އޮތް މަޝްރޫއެއް ވެސް އެބައޮތް ކަމަށާއި އެކަމުގައި ވެސް ގަނޑުވަރުގެ އަސްލު ނުގެއްލޭގޮތަށް ކުރަންޖެހޭ އަދި ކުރެވިދާނެ ހުރިހާ ކަމެއް ކުރިއަށްގެންދަވާނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.