ތިން ބޯޓަކުން ގެނައި 4720 ފިޔާ ބަސްތާ ބާލައިފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.

އެމްޕީއެލުން މިއަދު ބުނީ މޫސުން ގޯސްވުމުގެ ސަބަބުން ޕެރިޝަބަލް މުދާ ބޭލުމުގައި ދަތިތަކެއް ކުރިމަތިވި ނަމަވެސް، އެމްޕީއެލްގެ ކާގޯ އޮޕަރޭޝަނުން އިއްޔެ އާއި ރޭ ކުރި މަސައްކަތުން ތިން ބޯޓަކުން މުދާ ބާލައި ހުސްކޮށްފައިވާ ކަމަށެވެ.

"އޭގެ ތެރޭގައި 4720 ބަސްތާ ފިޔާ ހިމެނޭ. އަދި މާލޭ ވިޔަފާރި ބަނދަރަށް އިއްޔެ އަައި ބޯޓުން މުދާ ބޭލުމުގެ މަސައްކަތް މޫސުން ތަންދޭ މިންވަރަކުން މިއަދު ކުރިއަށް ގެންދާނެ. މި ބޯޓުން ގެނައި ޕެރިޝަބަލްސްގެ ތެރޭގައި 3840 ބަސްތާ ފިޔާ ހިމެނޭ،" އެމްޕީއެލުން ބުންޏެވެ.

"ވަން"އަށް މައުލޫމާތު ލިބިފައިވާގޮތުން މިހާރު އެމްޕީއެލުން އެތެރެކޮށްފައިވަނީ އަމިއްލަ ވިޔަފާރިވެރިންގެ ފިޔާ ޝިޕްމަންޓުތަކެކެވެ. މި ޝިޕްމަންޓާއެކު ހުޅުމާލެ ބައެއް ފިހާރަތަކުން ފިޔާ ކިލޯއެއްގެ އަގު ވަނީ 100 ރުފިޔާއިން 35 ރުފިޔާއަށް ތިރިކޮށްފައެވެ.

މާލޭގެ ބައެއް ފިހާރަތަކުން ވެސް ފިޔާ ކިލޯއެއްގެ 25 ރުފިޔާއަށް އަގު ތިރިކޮށްފައިވެއެވެ. އާންމު ހާލަތްތަކުގައި ފިޔާ ކިލޯއެއްގެ އަގު އުޅެނީ 15 ރުފިޔާއާއި 12 ރުފިޔާއާ ދޭތެެރޭގައެވެ.

ބާޒާރުން ފިޔާ ލިބުން ދަތިވެ، ފިޔާ ކިލޯއެއްގެ އަގު 100 ރުފިޔާއިން މައްޗަށް އަރައިފައިވާތީ އަގު ކޮންޓްރޯލުކުރުމަށް، ފިޔާގެ ޝިޕްމަންޓެއް ގެނައުމަށް އެސްޓީއޯ އިން ވެސް ވަނީ ނިންމައިފައެވެ.

އެކަމާ ގުޅޭގޮތުން އެސްޓީއޯގެ އޮފިޝަލަކު ރޭ "ވަން"އަށް ވިދާޅުވެފައިވަނީ، ރާއްޖެއަށް މިހާރު ކުރަމުންގެންދާ ވިއްސާރައިގެ ސަބަބުން ފިޔާގެ ޝިޕްމަންޓު ރާއްޖެ ގެނައުމަށް އަދި ވަގުތު ނަގާނެ ކަމަށާއި ފިޔާގެ ޝިޕްމަންޓް ރާއްޖެ އެތެރެކުރެވުނުހާ އަވަހަކަށް، ފިޔާގެ އަގު ކޮންޓްރޯލުކޮށް އެ ކުންފުނިން ބާޒާރަަށް ފިޔާ ނެރޭނެ ކަމަށް ވިދާޅުވެފައިވެއެވެ. ނަމަވެސް ގެންނަނީ ކިހާ އަދަދެއްގެ ފިޔައެއްް ކަމެއް އޮފިޝަލް ވިދާޅެއް ނުވެއެވެ.

އެސްޓީއޯއިން އާންމުކޮށް ފިޔާ، ބިސް އަދި އަލުވި ފަދަ ތަކެތި ގިނަ އަދަދަކަށް އެތެރެކުރަނީ ރޯދަމަހަށް ހާއްސަކޮށެވެ. އެހެެންނަމަވެސް ބާޒާރުގައި އެ ތަކެތި ލިބުން ދަތި ހާލަތްތަކުގައި އެ ކުންފުނިން އަބަދުވެސް އަގު ކޮންޓްރޯލުކުރަން އިތުރު ޝިޕްމަންޓްތައް ގެންނަމުންދެއެވެ.