އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅަކީ ދެ ގައުމުގެ ގުޅުމުގެ މުސްތަގުބަލަށް ސާފު މަގެއް އެޅި މުހިންމު ދަތުރުފުޅެއް ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މޯދީގެ މި ދަތުރުފުޅުގައި ގިނަ ކަންތައްތަކެއް ކުރެވުނު ކަމަށެވެ. އެގޮތުން މުހިންމު ދާއިރާތަކުން ހަތަރު އެމްއޯޔޫ އަދި ތިން އެއްބަސްވުމުގައި ސޮއިކޮށް އެފްޓީއޭ މަޝްވަރާތައް ފެށުމަށް އިއުލާނު ކުރެވުނު ކަމަށެވެ.

އަދި ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުން ފާހަގަކޮށް، ރަސްމީ ގުޅުން ގާއިމު ކުރި 60 އަހަރު ފާހަގަކުރުމުގެ ގޮތުން ހަނދާނީ ސްޓޭމްޕެއް ނެރެ، އިންޑިއާގެ އެހީގެ ދަށުން ތަރައްގީގެ މުހިންމު މަޝްރޫއުތަކެއް އިފްތިތާހު ކުރެވުނު ކަމަށެވެ.

އަދި އޭގެ އިތުރުން ރައީސްގެ ޕޯސްޓުގައި މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅަށް އިހުލާސްތެރި ޝުކުރު އަދާކުރެއްވިއެވެ.

މޯދީގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިހާރު ވަނީ ރާއްޖޭން ފުރާވަޑައިގެންފައެވެ. މި ދަތުރުފުޅު ނިންމާލައްވަމުން މޯދީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭން ދިން މެހެމާންދާރީއަށް ހިތުގެ އެންމެ ފުންމިނުން ރައީސް މުއިއްޒުއަށާއި ދިވެހި ސަރުކާރަށާއި ދިވެހި ރައްޔިތުންނަށް ޝުކުރު ދަންނަވާ ކަމަށެވެ.

"ރާއްޖޭގެ 60ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބައިވެރިވުމަކީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް. ރައީސް މުޢިއްޒުއާއެކު ކުރެވުނު އުފެއްދުންތެރި މަޝްވަރާތަކާއެކު ދެގައުމުގެ ގުޅުމަށް ވަރަށް ބޮޑު ހަކަތައެއް އިތުރުވެގެންދާނެ." ދިވެހި ބަހުން މޯދީ ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.