40 ގައުމަކުން ލަންކާއަށް ވިސާއާ ނުލައި ދަތުރުކުރެވޭނެ ގޮތްހަދައިފިއެވެ.

މިއީ ލަންކާގެ ފަތުރުވެރިކަން އިތުރަށް ޕްރޮމޯޓުކޮށް އެ ގައުމަށް އެތެރެވާ ފަތުރުވެރީންގެ އަދަދު އިތުރުކުރުމަށް ހިންގާ ހާއްސަ ހަރަކާތްތަކުގެ ތެރެއިން ކަމެކެވެ. ލަންކާގެ ކެބިނެޓުން ނިންމާފައިވާ މި 40 ގައުމުގެ ނަން އިއުލާނު ކުރީ އިއްޔެއެވެ.

ލަންކާގެ ހޮޓެލް ޝޯވް ކޮލަމްބޯ ހުޅުވުމުގެ ރަސްމިއްޔާތުގައި މި ނިންމުން ހިއްސާ ކުރައްވަމުން، އެ ގައުމުގެ މިނިސްޓާ އޮފް ފޮރިން އެފެއާސް ފޮރިން އެމްޕްލޯއިމެންޓް އެންޑް ޓުއަރިޒަމް ވިޖިތާ ހެރަތް ވިދާޅުވީ އެ ގައުމުގެ ޓުއަރިޒަމް އަލުން ކޮޅަށް ޖެހުމަށް ކުރަމުން އަންނަ މަސައްކަތަށް މި ކަމުގެ ސަބަބުން އިތުރު ބާރެއް ލިބިގެން ދާނެ ކަމަށެވެ.

ލަންކާއިން ނެރެފައިވާ ލިސްޓުގައި ޔޫކޭ އާއި އެމެރިކާ، ކެނެޑާ، ޕާކިސްތާނު އަދި އިރާނުގެ އިތުރުން ޔޫއޭއީ ފަދަ ބޮޑެތި ގައުމުތައް ހިމެނެއެވެ.

މި ނިންމުމާއި ގުޅިގެން، ލަންކާއަށް އެތެރެވާ ޓޫރިސްޓުންގެ އަދަދު އިތުރުވާނެ ކަމަށް އަންދާޒާކޮށްފައިވާއިރު، ވިސާ އާމްދަނީގެ ގޮތުގައި ލިބެމުން އައި ގިނަ އަދަދެއްގެ އާމްދަނީ ހުއްޓުމަކަށްވެސް އަންނާނެއެވެ.