ބޮޑުތަކުރުފާނު މަގުގައި ހުންނަ މާލެ ސިޓީ ކައުންސިލްގެ އާންމު ހިދުމަތްތަކާ ބެހޭ އޮފީސް ހުންނަ، (ތައިސޭކޮށީ)ގެ ގޯތި ތެރޭގައި ދާދި ފަހުން ސާފުކޮށްފައިވާ ސަރަހައްދު، މިއުޒިކް އާޓިސްޓުންނަށް ކުއްޔަށް ދޫކުރުމަށް ކައުންސިލުން ނިންމައިފިއެވެ.
އެގޮތަށް ނިންމާފައިވަނީ މިދިޔަ ބުދަ ދުވަހު ބޭއްވި އެ ކައުންސިލުން 204 ވަނަ އާންމު ޖަލްސާގައި ބައިވެރިވި 12 މެންބަރުންގެ އިއްތިފާގުންނެވެެ. ޒުވާނުންގެ ކަންކަމަށް ތައިސޭކޮށި ދޫކުރުމަށް ޖަލްސާއަށް ހުށަހެޅުއްވީ މޭޔަރު އާދަމް އާޒިމެވެ.
"އެތަން މިހާރުވެސް މާލެ ސިޓީ ކައުންސިލުން ބިންތައް ކުއްޔަށްދޭ އަދަދަށް ބަލާފައި، އަކަފޫޓަކަށް ޖެހޭ އަދަދު ބަލާފައި ކުއްޔަށް ދިނުމަށް. ޒުވާނުންނަށް ކޮންދެވޭނެ މާބޮޑު ކަންތައްތަކެއް ނުހުރޭ ސްޕޭސް ނެތީމަ. ޝޯތައްވެސް ބާއްވައިނުލެވޭ. ޕްރޮޕޯސަލްލީމަ ސިއެސްއާރުގެ ދަށުން ކުއްޔަށް ދޫކުރާގޮތަށް، މިގޮތަށް ހުށަހަޅަނީ،" އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ، މިއުޒިކް އާޓިސްޓުންނަށް، އެ މީހުންގެ ހުނަރުތައް ދައްކާލެވެން ނޯންނަ ކަމަށާއި، އެކަމުގެ ކަންބޮޑުވުން މިއުޒިކް އާޓިސްޓުން ފާޅުކުރަމުންގެންދާ ކަމަށެވެ. ތައިސޭކޮށި ކުއްޔަށް ދީގެން، އެ ޒުވާނުންނަށް ޝޯ ފަދަ އިވެންޓުތައް ބޭއްވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ.
މާލެ ސިޓީ ކައުންސިލުން ތައިސޭކޮށި ކުއްޔަށް ދޫކުރަނީ އެ ކައުންސިލުގެ ސީއެސްއާރުގެ ދަށުންނެވެ. އެގޮތުން އެ ތަނުގައި ޓިކެޓު ވިއްކައިގެން ޝޯ ބާއްވާ ނަމަ، ޓިކެޓުން ލިބޭ އާމްދަނީން ކައުންސިލަށް ބައެއް ލިބޭ ގޮތަށް ހެދުމަށް ކައުންސިލް މެންބަރު ސައިފު ފާތިހު ހުށަހެޅުއްވި ހުށަހެޅުއްވުމަށް މޭޔަރު ތާއީދުކުރެއްވިއެވެ.
ތައިސޭކޮށީގެ ގޯތި ތެރޭގައި، މާލެ ސިޓީ ކައުންސިލުގެ ގިނަ އޮފީސްތަކެއް މިހާރުވެސް އަންނަނީ ހިންގަމުންނެވެ. މިހާރު މަސައްކަތް ފެށިގެން ކުރިއަށްދާ، މާލެ ސިޓީ ކައުންސިލުގެ އާ އިމާރާތް ހަދަނީ ވެސް، ތައިސޭކޮށީގެ އިރުމަތި ފަރާތުގައިވާ ހުސް ބިމުގައެވެ.
ފާތިމަތު ލިއުޝާ
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް