ނ. މަގޫދޫގައި ސިއްހީ މަރުކަޒުގެ އިމާރާތާއި ސްކޫލުގެ އިމާރާތުގެ އަމަލީ މަސައްކަތް ދެތިން މަސް ދުވަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ނ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، މިއަދު މެންދުރުފަހު މަގޫދުއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ މަގޫދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް މިހާރު އޮތީ އިވެލުއޭޝަން މަރުހަލާގައި ކަމަށާއި އެ މަސައްކަތް ނިމުމުން ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ބަޔަކާ އެކީގައި ކޮންޓްރެކްޓް ހެދިގެންދާނެ ކަމަށެވެ.
"އެހެންވީމާ ހަވާލުކުރެވުނީމާ އަމަލީގޮތުން އެ ފަރާތުން ރަށަށް އައިސް ކޮންސްޓްރަކްޝަން މަސައްކަތް ފަށާނެ. އެހެންވީމާ އިރާދަކުރެއްވިއްޔާ އެކަން އަމަލީގޮތުން މާ ލަހެއް ނުވެ ފެންނާނެ. އޭގެ ކުރިން ވެސް މިހާރު ހިދުމަތްދޭ މަރުކަޒުގައި މުވައްޒަފުންގެ ދަތިކަން ހުރުމާއެކުގައި، އަޅުގަނޑުމެން މާލެ ގޮސް، އިރާދަކުރެއްވިއްޔާ ހެލްތު މިނިސްޓްރީން ފިނޭންސް މިނިސްޓްރީއާ އެކީގައި މަސައްކަތްތަކެއް ކުރާނެ. މިހާރު އެބަ ބޭނުންވޭ ދެ މުވައްޒަފަކު ހޯދަން، ނަރުހަކާ މަސައްކަތު މީހަކާ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ލެބޯޓަރީ ހިދުމަތްތަކާއި ހުރިހާ ކަމެއް ހިމެނޭހެން މަގޫދޫގެ ސިއްހީ ހިދުމަތް، އެ މަނިކުފާނު ވައުދުވެޑައިގެންނެވި ގޮތަށް ފުއްދުމުގެ އަމަލީ މަސައްކަތް ކުރިއަށްއޮތް މަދު ދުވަސްކޮޅުގެ ތެރޭގައި ފެށިގެންދާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. އަދި އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި މަގޫދޫ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް ވެސް ބަޔަކާ ހަވާލުކުރެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ދެން ފަށާ، ނޫނީ ދެން ސޮއިކުރުމަށް ފަށާ މަރުހަލާގައި ހުރި މަޝްރޫއުތަކުގެ ތެރޭގައި، އެއީ މީގެ ދެ މަހެއްހާ ދުވަހުގެ ތެރޭގައި، ސެޕްޓެމްބަރު މަހު ހިސާބުގައި އަޅުގަނޑުމެން ސޮއިކުރަން ރެޑީ ކުރާ މަޝްރޫއުތަކުގެ ލިސްޓުގައި މި ރަށުގެ ސްކޫލު ޕްރޮޖެކްޓު ހިމަނާފައި އޮންނާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސްކޫލުގައި އިތުރު ކްލާސްރޫމްތަކާއި މުވައްޒަފުންގެ އެކި ކަންކަމަށް ބޭނުންވާ ޖާގައާއި ލައިބްރަރީއާއި ހޯލު ހިމެނޭގޮތަށް ހުރިހާ ވަސީލަތަކަށް އެކަށޭނެ ވަރުގެ އިމާރާތެއް ހެދުން އެ މަޝްރޫއުގެ ތެރޭގައި ހިމެނޭނެ ކަމަށެވެ.
"އެހެންވީމާ ސިއްހީ ދާއިރާ އާއި އެޑިއުކޭޝަން ދާއިރާއިން އަޅުގަނޑު ވައުދުވީ ވައުދުތައް ފުއްދުމުގެ އަމަލީ މަސައްކަތް ކުރިއަށްއޮތް ދެތިން މަސް ތެރޭގައި ރަށުގައި ފެށިގެންދާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އަންނަ ސެޕްޓެމްބަރު މަހު ހަވާލުކުރާ މަޝްރޫއުތަކުގެ ތެރޭގައި މަގޫދޫގައި ފުޓުބޯޅަ ދަނޑެއް ތަރައްގީކުރުމުގެ މަސައްކަތް ވެސް ހިމެނޭނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު