ވެލިދޫ ދާއިރާގެ މަޝްރޫއުތަކަށް އެ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ހުރަސް އަޅުއްވަމުން ގެންދަވާ ކަމަށް ވިދާޅުވެ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.
ނ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ފޮއްދުއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ އެރަށުގެ ތަރައްގީއަށްޓަކައި ހިންގޭ މަޝްރޫއުތަކަށް ރަށުގެ ކައުންސިލުން ފުރިހަމަ އެއްބާރުލުން ލިބެމުންދާ ކަމަށެވެ. އެކަމަށްޓަކައި ރައީސް ވަނީ ޝުކުރު އަދާކުރައްވައިފައެވެ.
"ދާއިރާގެ މަޖިލިސް މެންބަރު (އައްބާސް) ގެ އެހީތެރިކަމެއް ނުލިބޭކަން. ނުލިބޭތަކުގައި ކަންކަމަށް ހުރަސްއެޅުމަށް މަސައްކަތް ކުރަމުންދާކަން އަޅުގަނޑު ހިތާމަޔާއެކު ފާހަގަކުރަން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރައްޔިތުން އިންތިހާބުކޮށްފައި ހުންނަ މަންދޫބެއް، ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ސިޔާސީ ހިޔާލުތަފާތުވުންތައް އެއްފަރާތް ކުރަން ޖެހޭނެ ކަމަށެވެ. ޒިންމާދާރުކަމާ އެކު މެންބަރުން މަސައްކަތް ކުރަން ޖެހޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"ހަގީގަތުގައި އެމްޑީޕީގެ އެމްޕީސްގެ ކިބައިންވެސް އެއްގޮތަކުން ދަންނަވަންޏާ މާ ރަނގަޅު ސަރުކާރަށް ކަންކަން އޮންނަ ގޮތް. އެއީ އެބޭފުޅުން އެއްވެސް ގޮތަކަށް ނުބެހެ ކަމަކާ. އެބޭފުޅުންގެ ދާއިރާގެ ކަމެއްގައި އަދި މިއަދާ ހަމަޔަށް އައި އިރުގައި އަޅުގަނޑާ ހަމަޔަށް ނާދެ އެއްވެސް ކަމެއްގައި. އެހެންވީމާ މާ ފަސޭހަ ކަންކަން ކުރަން،" ރައީސް ވިދާޅުވިއެވެ.
އެހެން ނަމަވެސް މި ދާއިރާގެ މަޖިލިސް މެންބަރުގެ ކިބައިން ކަންކަމުގައި ހުރަސްތައް ކުރިމަތި ކުރުވަމުންގެންދަވާ ކަމަށާއި އެއީ ކަންބޮޑުވުމެއް ކަމަށެވެ.
ނަމަވެސް އެއީ މަޝްރޫއުތައް ކުރިއަށް ނުގެންދަވަން އޮތް ހުރަހެއް ނޫން ކަމަށާއި އެމަނިކުފާނުގެ މި ދަތުރުފުޅުން ވެސް އެކަން ރައްޔިތުންނަށް ސާފުވެގެންދާނެ ކަމަށެވެ. ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ދާނީ ކުރިއަށް ކަމަށާއި އެއީ އެއްވެސް މައްސަލައެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު