އައްޑޫސިޓީގެ ފެނަކަ ބްރާންޗުން ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާކަން އޮޑިޓު ރިޕޯޓުން އެނގެން އެބައޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ނާޒިމް މިހެން ވިދާޅުވީ މާލޭ ސަރަހައްދާއި އަތޮޅު ތެރޭގެ ރަށްތަކުގައި ހިންގާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް އެއް އަގެއްގައި ފެނާއި ކަރަންޓުގެ ހިދުމަތް ދިނުމާ މެދު މަޖިލީހުގެ މެންބަރުންގެ ހިޔާލު ހޯއްދެވުމަށް ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އަހްމަދު ޝަމްހީދު ހުށަހެޅުއްވި ގަރާރަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަހްމަދު ނާޒިލް ދެއްކެވި ވާހަކައަށް ރައްދު ދެއްވަމުންނެވެ.

ނާޒިލްގެ ވާހަކައިގައި އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލު ނުވާ ވާހަކަ ދައްކަވައި އިންޖީނުގެއަށް ބޭނުންވާ ސްޕެއާ ރަނގަޅު ކޮލިޓީ ޕާޓްސް އާއި އެހެނިހެން ތަކެތި ނުފޮނުވާ ކަމަށް ވަނީ ތުހުމަތުކުރައްވައިފަ އެވެ.

އެވާހަކަތަކަށް ރައްދުދެއްވައި ނާޒިމް ވިދާޅުވީ އައްޑޫ އިންޖީނުގޭގެ މެނޭޖްމަންޓުގެ އިސްވެރިން ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާކަން އެތަނުގެ ހާއްސަ އޮޑިޓު ރިޕޯޓުން އެނގެން އެބައޮތް ކަމަށެވެ.

އޭގެ މިސާލެއްގެ ގޮތުގައި 10 ވެހިކަލް ކުއްޔަށް ނަގަން 15 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާއި ނަމަވެސް އެ 10 ވެހިކަލް ގަތް ނަަމަވެސް ހަރަދުވާނީ 7.2 މިލިއަން ރުފިޔާކަމަށް އޮޑިޓު ރިޕޯޓުގައި ބުނެފައިވެ އެވެ. އޭގެ އިތުރުން 10 ގެ ކުއްޔަށް ހިފަން 1.7 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު 6 ގެ ކުއްޔަށް ހިފާފައިވަނީ ހިތަދޫން ބޭރުން ކަމަށެވެ. އެ ހަގޭގައި ތިބީ ހިތަދޫގައި މަސައްކަތްކުރަން ގެނެސްފައި ތިބި މުވައްޒަފުންތަކަކަށްވާއިރު އެމީހުން މަސައްކަތްކުރާ ސައިޓަށް ގެންދަން 2،32000 ރުފިޔާއަށް ބަހެއް ކުއްޔަށް ނަގާފައިވާ ކަންވެސް އެނގެން އެބައޮތް ކަމަށެވެ.

"މިހިރީ އަޅުގަނޑުމެންގެ ޒިންމާދާރު މަގާމުތައް ހަވާލުކޮށްފައި ތިބި މުވައްޒަފުން، އައްޑޫ އިންޖީނުގޭގެ މުވައްޒަފުން އިސްވެރިން ކަންތައްކޮށްފައި އޮތް ގޮތަކީ، މި ރިޕޯޓު [އޮޑިޓު ރިޕޯޓު] އަދި އަޅުގަނޑުމެން ދިރާސާކޮށް ނުނިމޭ. އަޅުގަނޑު ބުނެލަން ބޭނުންވަނީ މިގޮތަށް ކަންތައްކޮށްފައި ދެން އެތަނުން ކަރަންޓު ކެނޑޭ ވާހަކަ އާއި އެވާހަކަތައް ދައްކާއިރު ވިސްނާލަން ޖެހެއޭ،" ނާޒިމް ވިދާޅިވިއެވެ.

"އައްޑޫގެ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ހޯދަން ޖެހޭ ކަމަށް އަޅުގަނޑު ގަބޫލުކުރަން، އަދި އެކަމަށް ބޭނުންވާ މަސައްކަތްވެސް ކުރެވިގެންދާނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ، މިއީ 2021 ވަނަ އަހަރުން ފެށިގެން ހިނގަމުން އައި ކަންތައްތަކެއް މި ދެންނެވީ،" ނާޒިމް ވިދާޅުވި އެވެ.