ހުޅުމާލޭގައި މުރަކަ އާލާކުރުމުގެ ހަރަކާތެއް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާއި މޯލްޑިވްސް މެރިން އިންސިޓްޓިއުޓް (އެމްއެމްއާރުއައި)އާ ގުޅިގެން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ.

އެޗްޑީސީން ހުޅުމާލޭ ފޭސް އެކެއްގެ ޗެނަލް ސަރަހައްދުގައި މުރަކަ އާލާކުރަން ފަށާއިފައިވަނީ މިއަދު ހަވީރުއެވެ.

އެޗްޑީސީން ބުނީ އެކި މަރުހަލާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މުރަކަ އާލާކުރުމުގެ އެ ހަރަކާތުގެ ދަށުން، ކުރިއަށް އޮތް އަހަރުގެ ތެރޭގައި ޗެނަލް ޕާކުގައި އިތުރު މުރަކަ އިންދާނެ ކަމަށެވެ.

މުރަކަ އާލާކުރުމުގެ ބޭނުމަކީ، އެކި ކަހަލަ މޫދުގެ ދިރުންތައް އެ ސަރަހައްދުގައި އާލާކުރުން ކަމަށާއި އަދި އެ ހަރަކާތަކީ، އެ ކޯޕަރޭޝަންގެ ކޮމިއުނިޓީ އެންގޭޖްމަންޓް އިތުރުކުރުމުގެ މަގްސަދުގައިވެސް ކުރިއަށްގެންދާ ހަރަކާތެއް ކަމަށް އެޗްޑީސީން ބުންޏެވެ.

22 ޖުލައި 2025، ހުޅުމާލޭގައި މުރަކަ އާލާކުރުމުގެ ހަރަކާތުގައި އެޗްޑީސީގެ އެމްޑީ މުހައްމަދު މައުރޫފް ޖަމީލް ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ/ އެޗްޑީސީ

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މައުރޫފް ޖަމީލްގެ އިތުރުން އީޕީއޭގެ އިސްވެރިން އަދި އެމްއެމްއާރްއައިގެ އިސްވެރިން ވަނީ މިއަދު އެ ސަރަހައްދަށް ޒިޔާރާތްކުރައްވައި، މުރަކަ އިންދުމުގެ ހަރަކާތުގައި ބައިވެރިވެވަޑައިގެންފައެވެ.

"މިތަނުގައި މަސްތަކާއި ކަނޑުގެ ދިރުން އާލާކޮށް، ކަނޑު އަޑީގެ ބަގީޗާއެއް ހެދުން އަމާޒަކީ،" އެ ހަރަކާތުގެ ތެރެއިން އެޗްޑީސީގެ އެމްޑީ މައުރޫފް ވިދާޅުވިއެވެ.

އެޗްޑީސީން އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންނަށް ފައިދާހުރި ގިނަ ހަރަކާތްތައް އެ ކުންފުނިން އިސްނަގައިގެން ކުރިއަށްގެންދިއުމާއެކު ހުޅުމާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށެވެ.