ނ. މާޅެންދޫގެ ގިރާ ސަރަހައްދު ހިމާޔަތްކޮށް، ޖެޓީއެއް ތަރައްގީކުރުމުގެ މަސައްކަތް އަންނަ މަހު ފައްޓަވައިދެއްވާނެ ކަމަށާއި އެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތް އަންނަ އަހަރު ފައްޓަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ނ އަތޮޅަށް މިހާރުކުރައްވަމުން އަންނަ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު މާޅެންދުއަށް މިއަދު ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި ވިދާޅުވީ، އެ ރަށުގެ ތަރައްގީއަށް ހުރި ގިނަ ކަންކަން ކޮށްދިނުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ރައީސް ވިދާޅުވީ މާޅެންދުއަށް އެންމެ މުހިންމު ކަމަކީ ރަށްގިރުމުގެ މައްސަލައަށް ހައްލެއް ގެނައުން ކަމަށާއި އެހެންކަމުން ރައްޔިތުން އެދޭގޮތަށް ރަށުގެ ހުޅަނގު ފަރާތުގައި ޖެޓީއެއް ތަރައްގީކުރުމާއެކު ގިރުމުގެ މައްސަލަ ހައްލުކުރުމުގެ އަމަލީ މަސައްކަތް އަންނަ އޮގަސްޓު މަހު ފެށޭނެ ކަމަށެވެ.

"އެ މަޝްރޫއު އިރާދަކުރެއްވިއްޔާ ހުއްޓުމެއްނެތި ކުރިއަށްދާނެ" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ރަށަށް ބިން އިތުރުކުރުމަކީ ރައްޔިތުން ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށެވެ. ރައީސް ވިދުވީ މާޅެންދޫގައި ގުދުރަތީ ރީތި ސަރަހައްދެއް އޮތުމާއެކު އެތަން ނުގެއްލި ރަށަށް އާމްދަނީ ވަންނާނެގޮތަށް ހިމާޔަތްކުރުމާއެކު ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށްގެންދިއުމަށް ޕްލޭން ކުރައްވާފައިވާ ކަމަށެވެ. އެގޮތުން އަންނަ އަހަރުގެ ބަޖެޓުގައި އެ މަޝްރޫއު ހިމަނައިގެން ކުރިއަށްގެންދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، އެރަށުގެ އިހްތިސޯސްގައި ތޮޅެންދޫ ހިމެނުމަށް ރައްޔިތުން އެދުނު ނަމަވެސް އެކަަށް ހުރަސް އަޅަމުންދަނީ އަތޮޅު ކައުންސިލުން ކަމަށެވެ.