މިދިޔަ އެމްޑީޕީ ސަރުކާރުން މަޝްރޫއުތަކުގެ އެޑްވާންސްއަށް މިލިއަނުން ފައިސާ ދޫކޮށްފައިވާ ކަމަށާއި ނަމަވެސް އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް މިހެން ވިދާޅުވީ ފެނާއި ނަރުދަމާގެ ގާނޫނަށް ސަރުކާރުން މިއަދު ހުށަހެޅި އިސްލާހުގެ އިބްތިދާއީ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
ނާޒިމް ވިދާޅުވީ މަޝްރޫއުތަކުގެ އެޑްވާންސް ފައިސާގެ ގޮތުގައި މިލިއަނުން މިދިޔަ ސަރުކާރުން ފައިސާ ހަރަދުކޮށްފައިވާ އިރު، އެ މަޝްރޫއުތަކުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިނުވާ ކަމަށެވެ.
އޭގެ މިސާލެއްގެ ގޮތުން 34 ރަށެއްގެ ފެނާ ނަރުދަމާ އެޅުމަށް އެއް ދުވަސް ތެރޭ 619 މިލިއަން ރުފިޔާ ފެނަކަ ކޯޕަރޭޝަނަށް ދޫކޮށްފައިވާ ކަން ފާހަގަކުރެއްވިއެވެ.
"އެ 619 މިލިއަން ރުފިޔާ ދިނީ މި 34 ރަށުގެ ފެނާ ނަރުދަމާގެ ހިދުމަތަށް ބޭނުންވާ ކަންތައްތައް ކުރުމަށްޓަކައި، އެ ފައިސާ ދިންތާ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެ 619 މިލިއަން ރުފިޔާ ފެނަކައިން ނުކުމެގެން ހިނގައްޖެ، އެ ފައިސާ ހަރަދުކޮށްފައި ހުރީ ފެނާއި ނަރުދަމާގެ ނިޒާމަށް ބޭނުންވާ ސާމާނު ހޯދުމަށް މެޓީރިއަލް ޕްރޮކިއުމަށް އެކިއެކި ސަޕްލަޔަރުންނަށް އެ ފައިސާ ދައްކާ ނިންމައި އެ މަސައްކަތް ނުހިނގާ އޮތުމުގެ ނަތީޖާއަކަށްވީ މިކަން މިގޮތަށް ދިމާވުން،" ނާޒިމް ވިދާޅުވި އެވެ.
އެކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ އެއް ގޮތަކީ މ. ރަތްމަންދޫގެ ފެނާއި ނަރުދަމާ އެޅުމަށް ބޭނުންވާ ސާމާނު އެ ރަށަށް ގެންގޮސް މަސައްކަތްނުކޮށް "ހާވާލާފައި" އޮތުމުން ކަމަށެވެ.
ނާޒިމް ވިދާޅުވީ އެ 619 މިލިއަން ދީފައި އޮތީ ތިން އަހަރު ދުވަހުގެ ފިއުލް ސަބްސިޑީގެ އެޑްވާންސެއްގެ ގޮތުގައި ކަމަށެވެ.
"އެހެންވީމަ އެ 619 މިލިއަން ރުފިޔާއިން މަހަކު 23 މިލިއަން ރުފިޔާ ފެނަކައަށް ދޭންޖެހޭ ސަބްސިޑީން ކަނޑަމުން އެދަނީ، އެހެންވެގެން ފެނަކައަށް ހިންދަމަނުލެވިގެން މިއުޅެނީ،" ނާޒިމް ވިދާޅުވިއެވެ.
އަދި ފެނަކައިގެ ހާއްސަ އޮޑިޓު ރިޕޯޓު ލިބުމުން އެ ކަަންކަން އިތުރަށް ސާފުވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭގެ އެހެން މިސާލެއްގެ ގޮތުގައި އާސަންދައިގެ އިމާރާތެއް ހެދުމަށް 44 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަން ފާހަގަކޮށް ވިދާޅުވީ އެ އިމާރާތުގެ އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށެވެ.
"އާސަންދައިގެ އިމާރާތެއް އަޅަން 44 މިލިއަން ރުފިޔާ އެޑްވާންސަށް ދޫކުރި މައްސަލަ، އެ މައްސަލަ އެއް ގޮތަކަށްވެސް ކުރިއަށް ނުދާތީ އަޅުގަނޑުމެން [މާލިއްޔަތު ކޮމެޓީން] ފުލުހުގައި އެދުނިން އެ މައްސަލަ ތަހުގީގުކޮށްދޭން، ފުލުހުންގެ އޭގެ އެއް ރިޕޯޓު މިހާރުވަނީ ފޮނުވާފަ. އެއިން އެނގޭ ގޮތުގައި 44 މިލިއަން ރުފިޔާ ދިނުމާއެކު އެއިން 12 މިލިއަން ރުފިޔާ ކޭޝްގެ ގޮތުގައިވަނީ ނަގާފަ އަދި އިތުރު 6 ކުންފުންޏަކަށް ފައިސާ ދޫކޮށްފައިވޭ،"
"އެކަމަކު އެ އިމާރާތް ހެދުމަށް އެންމެ ރުފިޔާއެއްވެސް ހޭދަކޮށްފަނުވާކަން އެ ރިޕޯޓުން އެނގެން އެބައޮތް،"
ނާޒިމް ވިދާޅުވީ އެގޮތަށް އެޑްވާންސް ފައިސާ ދޫކޮށް، މަސައްކަތްކޮށްފައި ނެތުމަކީ ފެނާއި ނަރުދަމާގެ މައްސަލަތައް މިހާތަނަށް އައި އިރުވެސް ހައްލުނުވެ އޮތް އެއް ސަބަބު ކަމަށެވެ.
"އަޅުގަނޑު ދަންނަވާނީ ހުރިހާވެސް މައްސަލައަކީ އެއްވެސް ގައުމީ ޕްލޭނެއް ނެތި ފެނާ ނަރުދަމާގެ މަޝްރޫއުތައްވެސް ފެށިގެން ދާތީ،" މި ސަރުކާރުން ގައުމީ ތަރައްގީގެ ޕްލޭނެއް ތައްޔާރުކޮށް ކޮންޓްރެކްޓްކޮށްފައިވާ ކަން ނާޒިމް ފާހަގަކުރެއްވިއެވެ.
އެ ޕްލޭނާއެކު މަޝްރޫއުތައް ކުރިއަށް ގެންދަން ފަސޭހަވެ ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ކޮށްދެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
އާއިޝަތު މާހާ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް