ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވެސް އެއް ބިލިއަން ރުފިޔާ ކަނޑައެޅިފައި އޮންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު، ނ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މާފަރަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ ހުރިހާ ރައްޔިތުންނަށް ވެސް އެންމެ މުހިންމު އެއް ކަމަކީ ބޯހިޔާވަހިކަން ކަމަށާއި އެކަމަކީ މާފަރަށް ވެސް ވަރަށް އިސްކަންދެއްވާ ކަމެއް ކަމަށެވެ. އެގޮތުން އަންނަ އަހަރު މާފަރުގައި ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގަން ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ 2026 ގެ ތެރޭގައި ބަޖެޓްގެ ތެރެއިން އަޅުގަނޑުމެން ނިއު ޕޮލިސީ އިނީޝިއޭޓިވްސްގެ ތެރޭގައި ބޯހިޔާވަހިކަމަށް މި އަންނަ އަހަރަށްވެސް ކަނޑައަޅާނެ އެއް ބިިލިއަން ރުފިޔާ. އޭގެ ތެރޭގައި ބޯހިޔާވަިކަމުގެ އާ މަޝްރޫއުތައް ފެށިގެންދާ ރަށްތަކުގެ ތެރޭގައި މިރަށް ހިމެނިގެންދާނެ،" ރައީސް ވިދާޅުވިއެވެ.

މާފަރުގެ ތަރައްގީއަށް ކުރަން ނިންމާފައިވާ ބައެއް ކަންކަމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މިހާރު ކުރިއަށްދާ އެރަށު ސްކޫލް އަޕްގްރޭޑް މަސައްކަތުގެ ތެރެއިން ހަތަރު ކްލާސް ރޫމް އިތުރު ކުރަން ނިންމަވާފައިވާ ކަމަށާއި އެކަން ކޮށްދެއްވާނެ ކަމަށެވެ. އަދި އެރަށުގެ މަގުހެދުމުގެ މަސައްކަތް މިއަހަރުގެ ފަހުކޮޅު ފެށިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ އެރަށުގައި ފުޓްސަލް ދަނޑެއް ގާއިމުކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވެފައެވެ. އަދި އެރަށުގެ ފުޓްބޯޅަ ދަނޑުވެސް އިތުރަށް ތަރައްގީކޮށްދެއްވާނެކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވިއެވެ.

ބޯހިޔާވަހިކަމަށް އިސްކަންދިނުމުގެ ގޮތުން މިއަހަރަށް ފާސްކޮށްފައިވަނީ އެކަމަށް ހާއްސަ ބަޖެޓެކެވެ. ގެދޮރުވެރިކަމުގެ ލޯނު ސްކީމާއި ގެދޮރު އެޅުމަށް ހިމެނި 1.5 ބިލިއަން ރުފިޔާއާއެކު ޖުމުލަ 2.5 ބިލިއަން ރުފިޔާ މިއަހަރުގެ ބަޖެޓުގައި ވަނީ ހިމަނައިފައެވެ.

މިދިޔަ ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވެފައިވަނީ، ހިޔާވެހި ސްކީމަށް ކޮންމެ އަހަރެއްގެ ބަޖެޓުގައި ވެސް އެއް ބިލިއަން ރުފިޔާ ހާއްސަކުރައްވާނެ ކަމަށާއި ކުޑަ އާބާދީއަކަށް ވިޔަސް، ބޮޑު އާބާދީއަކަށް ވިޔަސް ކަނޑައެޅިފައި އޮންނަ އުސޫލުން، ކަނޑައެޅިފައި އޮންނަ ލެވެލްއަކަށް ލޯނު ނެގޭނެ ކަމަށެވެ. އަދި އެއް ބިލިއަން ރުފިޔާ ހިމަނައިފައިވިޔަސް، އެ ސްކީމުގެ ދަށުން ދެ ބިލިއަން ރުފިޔާގެ ލޯނު ދޫކުރެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.