ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ބޭނުންވާ އިތުރު ކަންކަމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު، ނ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މާފަރަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ އެކަށީގެންވާ ބޮޑު ރަންވޭއަކާއެކު މާފަރު އެއާޕޯޓް އަލުން ހުޅުވިފައިވާ ކަމަށާއި ނަމަވެސް އިންޓަނޭޝަލް އެއާޕޯޓަކަށް ބޭނުންވާ ވަރަށް ގިނަ އެހެން ކަންކަން އެބަހުރި ކަމަށެވެ.
"އެންމެ މުހިންމު ކަމަކީ ޓާމިނަލް، އެކަށީގެންވާ ފެންވަރުގެ ޓާމިނަލެއް ހެދުން. އަދިވެސް ވަރަށް ގިނަ ކަންކަން. މި އަތޮޅުގައި ވަރަށް ގިނަ ރިސޯޓްތައް ހުރުމާއި ވަރަށް ގިނަ އެނދު ހުރުމާއެކު އަދި އިތުރުވުމުގެ މަރުހަލާގައި ހުރުމާއެކު ވަރަށް ބޮޑު ޕޮޓެންޝިއަލްއެއް އެބައޮތް. އެހެންވީމަ މިތަނުގައި ހުންނަން ޖެހޭ އެހެން ކަންކަންވެސް އެއާޕޯޓްގައި އެބަހުރި. މިސާލަކަށް ހޮޓަލެއް، ޓޫރިސްޓުން ފުރުމާ ދޭތެރޭގައި މަޑުކޮށްލުމަށް. މިކަހަލަ ކަންކަން އަޅުގަނޑުމެންގެ ޕްލޭންގައި އެބަހުރި،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މާފަރު އެއާޕޯޓްގެ ތަރައްގީއަށް ވަރަށް ގިނަ ކަންކަން ރާވަމުން ގެންދަވާ ކަމަށެވެ. މާފަރު އެއާޕޯޓްގެ މަސައްކަތް ކުރި، ކުންފުންޏާ މަޝްވަރާ ކުރަމުން އަންނަ ކަމަށާއި އެ ކުންފުނިންވެސް އެއާޕޯޓްގެ އިތުރު މަޝްރޫއުތަކާ ގުޅޭ ދިރާސާތައް ކުރަމުން އަންނަ ކަމަށެވެ.
ރައީސް ވިދާޅުވީ ޓާމިނަލް މަސައްކަތާއި އިތުރު އެހެން ކަންކަން ވެސް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. އެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވާ ކަމަށެވެ.
ގިނަ އަދަދަކަށް މަހުޖަނުންގެ ޕްރައިވެޓް ޖެޓްތައްވެސް ޖައްސާ މާފަރު އެއާޕޯޓަކީ، އަބޫ ދާބީ ފަންޑުގެ އެހީގައި ތަރައްގީކޮށް ޑިސެމްބަރު 2019ގައި ހުޅުވި އެއާޕޯޓެކެވެ.
އޭގެފަހުން މާފަރު އެއާޕޯޓް އިތުރަށް ތަރައްގީކުރުމުގެ ދެވަނަ ފިޔަވަހީގައި ރަންވޭ ބޮޑު ކުރުމަށް 27.1 މިލިއަން ޑޮލަރަށް އެމްޓީސީސީއާ ހަވާލުކުރިއެވެ. އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2022 ވަނަ އަހަރުގެ ޑިސެމްބަރުގެ ތެރޭގައެވެ.
މާފަރު އެއާޕޯޓް ބޮޑުކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތުގެ ދަށުން އެއާޕޯޓް ރަންވޭ އިތުރު 650 މީޓަރަށް ބޮޑުކޮށް ސްޓްރިޕް ފުޅާކުރުމަށް ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތް ކޮށްފައިވެއެވެ. އަދި މިހާރު ބޭނުންކުރާ ރަންވޭ ޕޭވްމަންޓް އަޕްގްރޭޑްކޮށް ޓެކްސީވޭ ފުޅާކޮށް ރަންވޭ ލައިޓް އަޕްގްރޭޑް ކުރުމުގެ އިތުރުން އެމްޓީސީސީން ވަނީ ޕަވާ ސިސްޓަމް އަޕްގްރޭޑް ކޮށްފައިވެއެވެ.
ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް ނިންމައި އެ އެއާޕޯޓުގެ ހިދުމަތްތައް ރަސްމީކޮށް ފަށާފައިވަނީ މިމަހުގެ 8 ވަނަ ދުވަހުއެވެ.
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް