ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓު ލިބި، އެމީހެއްގެ ފިރިމީހާ ނުވަތަ އަނބިމީހާއަށް ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބިފައިވާ ނަމަ، ފުލެޓު ހޯދުމަށް ގޯތި ދޫކޮށްލަން ޖެހޭ ގޮތަށް އޮތް އޮތުން ބަދަލުކޮށްފިއެވެ.

ހައުސިން މިނިސްޓްރީން ކުރިން އިއުލާންކޮށްފައިވާ ގޮތުގައި ފުލެޓު ހޯދުމަށް ފިރިމީހާ ނުވަތަ އަނބިމީހާއަށް ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބިފައިވާ ނަމަ، ގޯތި ދޫކޮށްލަން އެއްބަސްވާން ޖެހެއެވެ.

ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ގެދޮރުވެރިޔާ ސްކީމުން ފްލެޓު ލިބޭ ފަރާތްތައް ކަނޑައެޅުމުގައި ބިންވެރިޔާ ސްކީމުން އެ މީހެއްގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ގެދޮރުވެރިޔާ ސްކީމުން ފުލެޓު ލިބޭނީ، ބިންވެރިޔާ ސްކީމުން އެމީހެއްގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް ލިބިފައިވާ ގޯތި ދޫކޮށްލަން އެއްބަސްވާ ފަރާތްތަކަށް ކަމަށް ބަޔާންކޮށްފައިވުމުން، އެކަމަކީ ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރިކަމެއް ކަމަށްވުމުން އެ އިއުލާނަށް އަމަލުނުކުރަން ނިންމާފައިވާ ކަމަށެވެ.

"ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ބިން ދޫކުރުމަށް ހަމަޖެހިފައިވާ ހުޅުމާލެ ފޭސް 3 އަދި ގިރާވަރުފަޅު ހިއްކުމުގު މަސައްކަތް ކުރިއަށްދާތީއާއި، ހިއްކާފައިވާ ބައެއް ބިންތަކުގައި އިމާރާތްކޮށް ދިރިއުޅެން ފެށުމަށް ވަގުތު ނަގާނެތީ، ހަވާލާދީފައިވާ މި މިނިސްޓްރީގެ އިއުލާނުގެ 2 ވަނަ ނަންބަރުގެ (ށ) އަށް އަމަލުނުކުރުމަށް ނިންމާފައިވާ ކަމުގައި ދެންނެވީމެވެ..،" އިއުލާނުގައި ބުންޏެވެ.

މިނިސްޓްރީގެ އިއުލާނުގައި އިތުރަށް ބުނީ 2023 ވަނަ އަހަރުގެ ނޮވެމްބަރު 15 ގައި މިނިސްޓްރީން އިއުލާންކުރި ލިސްޓާ ގުޅިގެން، ފުލެޓު ނަންބަރު ގުރުއަތު ނަގައި ލިބޭ ފްލެޓު ކަނޑައެޅިފައިވާ ފަރާތްތަކުގެ ތެރެއިން ބިންވެރިޔާ ސްކީމުން އަނބިމީހާ ނުވަތަ ފިރިމީހާއަށް ގޯތި ލިބިފައިވާ އެއްވެސް ފަރާތަކަށް ޝަރުތު ހަމަނުވާކަމުގެ ލިޔުން މިހާތަނަށް ފޮނުވާފައިނުވާނެ ކަމަށެވެ.

ގެދޮރުވެރިޔާ ފުލެޓު އެއްބަސްވުންތަކުގައި އަންނަ ހޯމަ ދުވަހު ސޮއިކުރަން ފެށުމަށް ވަނީ ނިންމައިފައެވެ. އެއްބަސްވުންތަކުގައި ސޮއިކުރުމާއި ފުލެޓުތައް ހަވާލުކުރުމުގެ މަސައްކަތްކުރާނީ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިންނެވެ.

އެފްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އަންނަ ހޯމަ ދުވަހުން ފެށިގެން އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ ސޮއިކުރުމަށް ހަމަޖެހިފައިވާ ދުވަސްތަކުގެ ހެނދުނު 9:00 އިން ފެށިގެން ހަވީރު 4:00 އާ ދެމެދުގެ ވަގުތުތަކުގައި، ހުޅުމާލޭ ސިންތެޓިކް ޓްރެކްގެ ކަނޑައެޅިފައިވާ ސަރަހައްދުތަކެއްގައި ކަމަށެވެ. އެ ސަރަހައްދުތައް ކަނޑައެޅުމަށްފަހު އެފްޑީސީގެ ރަސްމީ ޗެނަލްތަކުގައި އާންމުކުރާނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ ޔުނިޓުތަކުގެ މަސައްކަތް ނިމި ހަވާލުކުރުމަށް ތައްޔާރު ކުރެވިފައިވާ ޓަވަރުތަކަށް އިސްކަންދީގެން ކަމަށާއި ޔުނިޓު ލިބޭ ފަރާތްތަކަށް، އެއްބަސްވުމުގައި ސޮއިކުރުމަށް ހާޒިރުވާން ޖެހޭ ދުވަހާއި ގަޑި އެފްޑީސީގެ "ފަހި ޕޯޓަލް" މެދުވެރިކޮށް ޝެޑިއުލްކޮށް، އެ ފަރާތްތަކަށް އެންގޭނެ ކަމަށް އެފްޑީސީން ބުންޏެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ހާޒިރުވާ އިރު، ގެންދަންޖެހޭ ލިޔެކިޔުންތައް:

  • ކުއްޔަށް ހިފާ ފަރާތުގެ އައިޑީކާޑުގެ ދެފުށް ފެންނަ ސާފު ކޮޕީއެއް
  • ކޯ-އެޕްލިކަންޓުގެ އައިޑީކާޑުގެ ދެފުށް ފެންނަ ސާފު ކޮޕީއެއް
  • ހެކިވެރިޔާގެ އައިޑީކާޑުގެ އަސްލު އަދި ކޮޕީއެއް
  • ޒިންމާ އަދާކުރާ ފަރާތުން ސޮއިކޮށްފައިވާ ފޯމުގެ އަސްލު
  • އެހެނިހެން ގުޅުންހުރި ލިޔެކިޔުންތައް

އެފްޑީސީން ބުނީ ފުލެޓު ކުއްޔަށް ހިފާ ފަރާތަށް އެއްބަސްވުމުގައި ސޮއިކުރުމަށް ހާޒިރުނުވެވޭ ނަމަ، ޕަވާ އޮފް އެޓާނީ ހުށަހަޅަންވާނެ ކަމަށެވެ.

އެފްޑީސީން ފުލެޓުތައް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ފިނިޝިން މަސައްކަތްތައް ނިންމުމަށްފަހުއެވެ. އެގޮތުން، ފުލެޓުތައް ހަވާލުކުރާ އިރު، ފަންކާ، ކުޑަދޮރު، ދޮރު، ޓައިލްސް ޖަހައި، ކުލަލައި، ފާހަނާތައްޓާއި މޫނު ދޮންނަ ތަށިވެސް ހަރުކޮށްފައި ހުންނާނެ އެފްޑީސީން ބުނެއެވެ.

އެފްޑީސީން އިތުރަށް ބުނީ ދެމެހެއްޓެނިވި އިޖުތިމާއީ ބޯހިޔާވަހިކަން ހެޔޮ އަގެއްގައި ފޯރުކޮށްދިނުމަކީ އެ ކޯޕަރޭޝަންގެ އެންމެ ބޮޑު އަމާޒު ކަމަށެވެ.

އެފްޑީސީން އެންމެ ފަހުން ދީފައިވާ މައުލޫމާތުގައިވާ ގޮތުގައި 4000 ފުލެޓުގެ 90 ޕަސެންޓު މަސައްކަތް ވަނީ ނިންމައިފައެވެ. އަލަށް ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކަށްވެސް އެ ޔުނިޓުތަކުން ކޮމާޝަލް ޖާގަތަކަށް ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ.

މިދިޔަ މަހުގެ 29 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއްތަލިބު ވިދާޅުވެފައިވަނީ، 4،000 ފްލެޓުގެ ތެރެއިން މިހާތަނަށް އަދި ނިމިފައިވަނީ 1،000 ފްލެޓް ކަމަށެވެ. ނަމަވެސް، އެ ތަންތަނަށް ފެނާއި ކަރަންޓް ގުޅައި ނިމޭނީ ޖުލައި މަސް ތެރޭގައި ކަމަށާއި ހުރިހާ ފްލެޓެއް ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހަވާލު ކުރާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.