ރ. މާމުނަގާ ރިސޯޓްގެ ފަޅުތެރޭގައި އަޅާފައި އޮތް ސީޕްލޭން ޕްލެޓްފޯމް ކަނޑައިގެން ގޮސް އޮޔާދާތީ ސަމާލުވާން އިލްތިމާސްކޮށްފިއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ، ރ. މާމުނަގާ ރިސޯޓްގެ ފަޅުތެރޭގައި އަޅާފައި އޮތް ސީޕްލޭން ޕްލެޓްފޯމް ކަނޑައިގެން ގޮސް އޮޔާދާ ކަމަށާއި އެ ޕްލެޓްފޯމް އޮޔާދާނެ ކަމަށް ލަފާކުރެވެނީ ކާށިދޫ ކަނޑުތެރެއަށް ކަމަށެވެ.

އެހެންކަމުން އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުކަން ދިނުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.

"ވަކީން ރޭގަނޑު ދަތުރުކުރައްވާ ފަރާތްތަކުން ދަތުރުކުރެއްވުމުގައި ހާއްސަ ސަމާލުކަމެއް ދެއްވުމަށް ދަންނަވަމެވެ." އެމްއެންޑީއެފުން ބުންޏެވެ.

މާމުނަގާ ރިސޯޓުގެ ފަޅުތެރޭގައި އޮތް ސީޕްލޭން ޕްލެޓްފޯމް ކަނޑައިގެން ގޮސް އޮޔާދާ އިރު، މިއަދު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ވަރަށް ގޯހެކެވެ. ބައެއް ރަށްރަށަށް އުދަ އަރާނެކަމުގެ އިންޒާރުވެސް މެޓުން ދީފައިވެއެވެ.