ދައުލަތުން ހިލޭ ބޭސްފަރުވާ ކުރެވޭ ސްކީމް، އާސަންދަށް ވޭތުވެދިޔަ ހަ މަސް ތެރޭ 786 މިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.

ފިނޭންްސް މިނިސްޓްރީން ކޮންމެ ހަފުތާއަކު ނެރޭ ވީކްލީ ފިސްކަލް ރިޕޯޓުން އެނގޭ ގޮތުގައި މި މަހުގެ ދިހައެއްގެ ނިޔަލަށް އާސަންދައިގެ ބަޖެޓުން ވަނީ 786 މިލިއަން ރުފިޔާ ހޭދަކޮށްފައެވެ. އެއީ މި އަހަރަށް އާސަންދައަށް ކަނޑައެޅި 1.8 ބިލިއަން ރުފިޔާގެ ބެޖެޓުގެ 57.5 ޕަސަންޓެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި އާސަންދައަށް 980 މިލިއަން ރުފިޔާ ހަރަދު ކުރި އެވެ. އެ އަހަރު ނިމުނު އިރު 2.4 ބިލިއަން ރުފިޔާ އާސަންދަ ބަޖެޓަށް ހޭދަކޮށްފައިވެ އެވެ.

އޭގެ ކުރީ އަހަރުވެސް ވަނީ އާސަންދައަށް 2.3 ބިލިއަން ރުފިޔާ ހޭދަކޮށްފައެވެ. އެއީ އެ އަހަރަށް ކަނޑައެޅި ބަޖެޓަށް ވުރެ 500 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

ވޯލްޑް ބޭންކުގެ ހިސާބުތައް ދައްކާ ގޮތުގައި އާސަންދައަށް ކުރާ ހޭދަ 2014 އިން 2019 ވަނަ އަހަރަށް 18 ޕަސެންޓު އިތުރުވެފައިވީ ނަމަވެސް އާސަންދަ ބޭނުން ކުރާ މީހުންގެ އަދަދު އެ މުއްދަތުގައި އިތުރުވެފައިވަނީ ތިން ޕަސެންޓެވެ.

މި އަހަރަށް ދައުލަތުން ފާސްކޮށްފައިވަނީ 57 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެކެވެ.