ފޭކް މުދަލެއް ވިއްކައިފިނަމަ ދެ މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޓްރޭޑްމާކު ބިލު އަދި ރާއްޖޭގައި ފިކުރީ މުދާ ހިމާޔަތްކޮށް ކުރިއެރުވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކޮށް، ވިޔަފާރީގެ ދާއިރާގައި ފަންނުވެރިކަމާއި އާ އާޖާދުތަކަށް ހިތްވަރުދިނުމަށް މަސައްކަތްކުރާނެ އޮފީހެއް ގާއިމުކުރުމަށް މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ ބިލުގެ ނަމުގައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލައިފިއެވެ.

އެ ދެބިލް މަޖިލީހަށް ބަލައިގަނެ، އިތުރަށް ދިރާސާކުރުމަށް އިގުތިސޯދީ ކޮމެޓީއަށް ފޮނުވީ މަޖިލީހުގެ އިއްޔެގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑަިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.

އިގްތިސޯދީ ކޮމިޓީން ރޭ ބޭއްވި ބައްދަލުވުމުގައި، މި ބިލްތަކުގެ މަސައްކަތް އަންނަ އޮގަސްޓްމަހުގެ 10 އަށް ނިންމަން ވަނީ ފާސްކޮށްފައެވެ. ބިލަށް އާއްމުން ހިޔާލު ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ.

އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ މި ދެބިލަށް ހިޔާލު ފޮނުވަން ބޭނުންވާ ފަރާތްތަކުން މިމަހުގެ 22 ވަނަ ދުވަހުގެ 11:00 ގެކުރިން އިގްތިސޯދީ ކޮމިޓީއަށް މެއިލް ކުރުން، ނުވަތަ މަޖިލިސް އިދާރާއަށް ލިޔުމުން ހިޔާލު ފޮނުވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ޓްރޭޑްމާކް ބިލު

މަޑުއްވަރީ ދާއިރާގެ މެންބަރު އަހުމަދު ޒާހިރު ހުށަހެޅުއްވި އެ ބިލުގައި ބުނެފައިވާ ގޮތުގައި ފޭކް މުދަލެއް ވިއްކައިފިނަމަ ދެ މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ އެވެ.

ޓްރޭޑްމާކް ރަޖިސްޓްރީކުރުމާ ގުޅޭ ނިޒާމެއް ގާއިމުކޮށް، އެކަމާ ގުޅޭ މައިގަނޑު އުސޫލުތައް ކަނޑައެޅުމަށް ހުށަހަޅާފައިވާ އެ ބިލުގައި ޓްރޭޑްމާކްގެ ވެރިފަރާތަކަށް ލިބޭ ހައްގުތަކާއި އެޅޭނެ ފިޔަވަޅުތައް ބަޔާންކޮށްފައިވެއެވެ.

އެ ބިލުގައިވާ ގޮތުން، ޓްރޭޑްމާކް ރަޖިސްޓްރީ ކުރެވޭނީ ދިހަ އަހަރު ދުވަހުގެ މުއްދަތަށެވެ. ނަމަވެސް އިތުރު ދިހަ އަހަރަށް މުއްދަތު އިތުރު ކުރުމުގެ އިހުތިޔާރު އޮންނާނެ އެވެ.

ބިލުގައިވާ ގޮތުން ޓްރޭޑްމާކްގެ ހައްގަށް އަރައިގެންފި ނަމަ އެފަދަ މައްސަލައަކާ ގުޅުން ހުރި ހެކި ރައްކާތެރިކުރުމަށް ވަގުތީ އަމުރު ނެރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.

މީގެ އިތުރުން އެ ބިލްގައި ވަނީ، ރާއްޖޭގައި ކައުންޓަފީޓް މުދާ އުފެއްދުމާއި އެތެރެކުރުމާއި ވިއްކުމާއި އަދި ބޭރުކުރުން މަނާކޮށް އެ ފަދަ ކަމެއް ކުރާ ނަމަ 100,000 ރުފިޔާއިން ފެށިގެން 2,000,000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަން ހިމަނައިފައެވެ.

ޓްރޭޑްމާކާ ގުޅޭ ބިލް ފާސްވެ، ރައީސް ތަސްދީދުކުރެއްވުމުން މިހާރު ރަޖިސްޓްރީކޮށްފައިވާ ޓްރޭޑްމާކްތައް އަލުން ރަޖިސްޓްރީކުރަން 12 މަސްދުވަހުގެ މުއްދަތެއް ދެވޭނެއެވެ. އެ މުއްދަތުގައި ރަޖިސްޓަރީ ނުވެއްޖެނަމަ އެ ޓްރޭޑްމާކް އުވާލާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ ބިލު

ކުޑަހުވަދޫ ދާއިރާގެ ޕީއެންސީ މެންބަރު ހުސައިން ހަމީދު ހުށަހެޅުއްވި މި ބިލުގެ މަގުސަދަކީ ރާއްޖޭގައި ފިކުރީ މުދާ ހިމާޔަތްކޮށް ކުރިއެރުވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކޮށް، ވިޔަފާރީގެ ދާއިރާގައި ފަންނުވެރިކަމާއި އާ އީޖާދުތަކަށް ހިތްވަރުދީ، އެ ދާއިރާ ކުރިއަރުވައި، ގައުމުގެ އިގުތިސޯދީ ތަރައްގީއަށް މަގުފަހިކުރުމަށްޓަކައި މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ގާއިމުކޮށް އެ އޮފީހުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ބަޔާންކުރުމާއި އެނޫންވެސް ކަމާގުޅޭ އުސޫލުތައް ބަޔާންކުރުމުވެ.

މި ބިލުގެ ދަށުން ރައްކާކުރެވޭ ފިކުރީ މުދަލަކީ "ފިކުރީ މުދަލާ ގުޅޭ ކަމާބެހޭ ގާނޫނުތަކުގެ ދަށުން ހިމާޔަތްކޮށްދޭ އެންމެހައި ބާވަތުގެ ފިކުރީ މުދަލެވެ. އޭގެ ތެރޭގައި ޓްރޭޑްމާކާއި، ކޮޕީރައިޓާއި، ޕޭޓަންޓާއި، އިންޑަސްޓްރީއަލް ޑިޒައިން އާއި ޖިއޮގްރަފިކަލް އިންޑިކޭޝަންތައް ހިމެނެ އެވެ.

އެ އޮފީސް ހިންގާނީ އިކޮނޮމިކް މިނިސްޓްރީގެ ދަށުންނެވެ. އެ އޮފީހުގެ އެންމެހައި ކަންކަމާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާނީ މިނިސްޓަރުކަމަށް ބިލުގައި ބުނެއެވެ.

ނަމަވެސް އެ އޮފީސް ހިންގުމުގެ އެންމެ އިސް ފަރާތަކީ މިނިސްޓަރު އައްޔަންކުރާ ރަޖިސްޓްރާ އެވެ. މި ބިލު ފާސްވެ ގާނޫނަކަށް ވެ އެއަށް އަމަލުކުރަން ފެށުމާއެކު އެ އިދާރާ ގާއިމުކުރެވުނީ އެވެ. އެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭ އެ އޮފީހުގެ ރަޖިސްޓްރާގެ މަގާމަށް މީހަކު އައްޔަނުކުރަން ޖެހޭ ކަމަށްވެސް އެ ބިލުގައި ބަޔާންކޮށްފައިވެ އެވެ.