ވަޒީފާ ހޯދުމުގެ ބޭނުމުގައި މިއަހަރު މިހާތަނަށް 144،379 މީހުން ލަންކާއިން ބޭރުވެފައިވާކަމަށް އެގައުމުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ލަންކާގެ ބިއުރޯ އޮފް ފޮރިން އެމްޕްލޯއިމަންޓް އިން އާންމުކޮށްފައިވާ މައުލޫމާތުން ވަނީ މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖޫންގެ ނިޔަލަށް އެ ގައުމުން އެހެން ގައުމުތަކަށް ވަޒީފާއަށް ދިއުމަށް 144،379 މީހުން ބޭރުވެފައިވާކަމަށް ފާހަގަކޮށްފައެވެ.
ބިއުރޯ އޮފް ފޮރިން އެމްޕްލޯއިމަންޓްގެ އޮފިޝަލުން ބުނެފައިވާ ގޮތުގައި ޖޫންގެ ނިޔަލަށް މިއަހަރު ލަންކާއިން ބޭރުވެފައިވަނީ 88،684 ފިރިހެނުންނާއި 55،695 އަންހެނުންނެވެ. ޖޫން މަހު އެކަނިވެސް ޖުމުލަ 38،806 މީހުން ގައުމުން ބޭރުވިކަމަށް އެ ބިއުރޯއިން ބުނެއެވެ.
ހިސާބުތަކުން ދައްކާގޮތުން ލަންކާ މީހުން މި އަހަރުޖެ ޖޫންގެ ނިޔަލަށް މަސައްކަތް ކުރުމަށް އެންމެ ގިނައިން ގޮސްފައިވަނީ ޔޫއޭއީއަށެވެ. އެގައުމަށް 28،973 މީހުން ދިޔަ ކަމަށް އާންމުކޮށްފައިވާ މައުލޫމާތުގައިވެއެވެ. ދެން އެންމެ ގިނަ މީހުން ދިޔައީ ގަތަރަށެވެ. އެ ގައުމަށް 21،958 މީހުން ގޮސްފައިވެއެވެ.
އޭޝިޔާގެ ގައުމުތަކުގެ ތެރެއިން ޖަޕާނަށް 6،073 މީހުން ބަދަލުވެފައިވާއިރު ދެކުނު ކޮރެއާއަށް 3،314 މީހުން ބަދަލުވެފައިވާކަމަށް ހިސާބުތަކުން ދައްކައެވެ.
ލަންކާއިން ބޭރުގައި މަސައްކަތް ކުރާ އެ ގައުމުގެ މީހުން ލަންކާއަށް ފޮނުވާ ފައިސާގެ އަދަދުވެސް މިއަހަރު ވަނީ އިތުރުވެފައެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 3.73 ބިލިއަން އެމެރިކާ ޑޮލަރު އެތެރެވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. ޖޫން މަހު އެކަނިވެސް 635.7 މިލިއަން އެމެރިކާ ޑޮލަރު ލަންކާއަށް ވަނީ އެތެރެވެފައެވެ.
މުހައްމަދު އައުޒަމް
ކުށް
ކްރިމިނަލް ކޯޓް
އިސްލާމީ ތާރީޚު