ދުނިޔޭގެ އެންމެ ގިނަދުވަސްވީ މެރަތަން ދުވުންތެރިޔާގެ މަގާމުގައި ހުރި އިންޑިއާގެ ފައުޖާ ސިންގު އެކްސިޑެންޓެއްގައި މަރުވެއްޖެއެވެ.

ފައުޖާ ސިންގު މަރުވެފައިވަނީ މަގު ހުރަސް ކުރަނިކޮށް ކާރެއްްގައި ޖެހިގެން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޕަންޖާބަށް އުފަން އުމުރުން 114 އަހަރުގެ ފައުޖާ މަރުވެފައިވަނީ އޭނާ ދިރިއުޅޭ ޖަލަންދާރު ސަރަހައްދުގެ ބިއާސް ޕިންޑް ވިލެޖުގައި މަގު ހުރަސްކުރަނިކޮށް، ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ކާރެއް އޭނާގެ ގައިގައި ޖެހިގެން ކަމަށްވެސް ހަބަރުތައް ބުނެއެވެ.

އޮފިޝަލުން ބުނެފައިވާ ގޮތުގައި، އެކްސިޑެންޓު ހިނގުމާއެކު ފައުޖާ ވަގުތުން ހޮސްޕިޓަލަށް ގެންދެވުނެވެ. އޭނާ މަރުވީ ފަރުވާ ދެމުން ދަނިކޮށް ކަމަށް ވެސް ބުނެފައިވެއެވެ. ފައިޖާ ގައިގައި ޖެހުނު ކާރު ފިލާފައިވާ ކަމަށްވެސް ހަބަރުތައް ބުނެއެވެ.

ފައުޖާ އަކީ އުމުރުން 89 އަހަރުން ފެށިގެން މެރެތަން ދުވަމުން އަންނަ މީހެއް ކަމަށް ހަބަރުތައް ބުނެއެވެ. އޭނާ ވަނީ 2000 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރާއި ދެމެދު ނުވަ މެރަތަން ޖަހައިފައެވެ. އެގޮތުން އެދުވަސްވަރު އޭނާ ވަނީ ދުނިޔޭގެ ބޮޑެތި މެރަތަން ތަކުގައި ބައިވެރިވެފައިކަމަށްވެސް ރިޕޯޓުތަކުން ބުނެއެވެ.

ދުނިޔޭގެ އެންމެ އުމުރުން ދުވަސްވީ މެރަތަން ދުވުންތެރިޔާގެ މަގާމު ފައުޖާއަށް ލިބިފައިވީ ނަމަވެސް ގީނިސް ވޯލްޑް ރެކޯޑްސްގައި އޭނާގެ ރެކޯޑު ފާހަގަކޮށްފައެއްނުވެއެވެ. ގީނިސް އިން ވަނީ ފައުޖާ އުފަންވީ ތަރީހު އޭނާގެ އުފަންދުވަހުގެ ސެޓްފިކެޓުގައި ޖަހާފައިވަނީ ނުބައިކޮށް ކަމަށްބުނެ އެކަން ގަބޫލުކުރަން ދެކޮޅު ހަދާފައެވެ.