ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި މުދައްރިސުންގެ އެޓެންޑެންސް އެލަވަންސް، މިހާރު ދެމުން އަންނަ ގޮތަށް ބަދަލު ގެނެވޭނީ ޕޭ ކޮމިޝަނުން އެކަމާބެހޭ އުސޫލަށް ބަދަލު ގެނައުމުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ގަދަންޖެހޭ ގަވާއިދުތަކުގެ މައްސަލައިގައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުކޮމިޓީއަށް އެ މިނިސްޓްރީގެ އިސް ބޭފުޅުން މިއަދު ވަނީ ހާޒިރުކޮށްފައެވެ.

ކޮމިޓީ ބައްދަލުވުމުގައި ބައެއް މެންބަރުން ވަނީ، ޕްރިންސިޕަލުންނާއި މުދައްރިސުންގެ އިތުރުގަޑީގެ ފައިސާ އާއި އެޓެންޑެންސް އެލަވަންސާ ބެހޭގޮތުން ތަކުރާރުކޮށް ސުވާލު ކުރައްވައިފައެވެ.

މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓާ އޮފް ސްޓޭޓް ފޯ އެޑިއުކޭޝަން ޑރ. އަހުމަދު މުހައްމަދު ވިދާޅުވީ، ޕްރިންސިޕަލުންނާއި މުދައްރިސުންނަށް މިހާއު އޮންނަ އުސޫލުން އެޓެންޑެންސް އެލަވަންސް ދެމުން އަންނަ ކަމަށެވެ.

"އެޓެންޑެންސް އެލަވަންސް ޕޭ ކޮމިޝަނުން ކަނޑައަޅާފަ އޮންނަ އުސޫލާ އެއްގޮތަށް ދެމުން މިދަނީ، އެ އެލަވަންސަކީ ހާޒިރުވީމަ ދޭ އެއްޗެއްގެ ގޮތުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައި، ޕޭ ކޮމިޝަންގެ މުސާރަ ދިނުމާގުޅޭ އުސޫލުގެ ބޮޑު ޑޮކިއުމެންޓެއްގެ ތެރޭގަ އެބައޮތް ލިޔެވިފައި،"

އޭނާ ވިދާޅުވީ އެބޭފުޅުންނަށް ހައްގުވާ އަހަރީ ޗުއްޓީ ތެރޭގައި އެޓެންޑެންސް އެލަވަންސް ލިބޭގޮތަށް އުސޫލުގައި ހިމަނާފައިނުވާ ކަމަށެވެ.

އެހެންކަމުން އުސޫލުން ބޭރުން ޗުއްޓީގައި ތިބޭ މުދައްރިސުންނާއި ޕްރިންސިޕަލުންނަށް އެޑިއުކޭޝަން މިނިސްޓްރީން އެލަވަންސް ނުދެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެކަމަށް ބަދަލެއް އަންނާނީ ޕޭ ކޮމިޝަނުން އުސޫލަށް ބަދަލު ގެނައުމުން ކަމަށެވެ.