ބޮއިންގެ ފްލައިޓުތަކުގެ ތެޔޮ ސުވިޗު ޗެކުކުރާން އިންޑިއާއިން އަންގައިފިއެވެ.

އިންޑިއާގެ ދަ ޑިރެކްޓޮރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން އިން އަމުރުކޮށްފައި ވަނީ އެ ގައުމުގެ އެއާލައިންތަކުން ބޭނުންކުރާ ބޮއިން މަރުކާގެ ހުރިހާ ފްލައިޓުތަކެއްގެ ތެޔޮ ސުވިޗު ޗެކުކުރުމަށެވެ.

އިންޑިއާގެ ކަމާބެހޭ އިދާރާތަކުން ގެންދަނީ އެއާ އިންޑިއާގެ ފްލައިޓު މިދިޔަ މަހު ވެއްޓުނު ހާދިސާއާ ގުޅިގެން ގިނަ ފިޔަވަޅުތަކެއް އަޅަންމުންނެވެ. އެގޮތުން ފްލައިޓުތަކުގެ ތެޔޮ ސުވިޗުތައް ބަލައި ރައްކާތެރިކަން ކަށަވަރުކޮށް ދަ ޑިރެކްޓޮރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން އަށް ރިޕޯޓު ކުރުމަށްވެސް ވަނީ އަންގައިފައެވެ.

އެއާ އިންޑިއާ ފްލައިޓު ވެއްޓުނު ހާދިސާގެ ތަހުގީގުގެ ފުރަތަމަ ރިޕޯޓު އާންމުކޮށްފައިވާއިރު އެ ރިޕޯޓުން ހާމަވެފައިވާގޮތުގައި އެއާ އިންޑިއާ ފްލައިޓު އޭއައި171 ނައްޓާލިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އޭގެ އިންޖީނަށް ތެޔޮ ފޯރުކޮށްދޭ މައި ސުވިޗު ނިއްވާލިއެވެ.

އެ ފްލައިޓުގެ ކޮކްޕިޓް ރެކޯޑިންއިން ވަނީ ދެ ޕައިލެޓުންގެ ތެރެއިން އެކަކު ފްލައިޓުގެ ތެޔޮ ސުވިޗު ނިއްވާލީ ކީއްވެތޯ ސުވާލުކޮށްފައިވާކަން ހާމަވެފައެވެ. އޭގެ ޖަވާބުގައި އަނެއް ޕައިލެޓު ވަނީ ނުނިއްވާ ކަމަށް ބުނެފައެވެ. އޭގެ ކުޑައިރުކޮޅެއްފަހުން އެ ސުވިޗު އަލުން ޖައްސާފައިވާކަން ވެސް ރެކޯޑިން އިން ވަނީ އެނގިފައެވެ.

ނަމަވެސް ފުލައިޓު ވެއްޓުމުގެ ސަބަބަކީ ސުވިޗް ނިއްވާލުން ކަމަށް ރިޕޯޓުގައި ސީދާ ބުނެފައެއް ނުވެއެވެ.

ތަހުގީގު ރިޕޯޓު އާންމު ކުރުމާއެކު ބޮއިން ފްލައިޓުތަކުގެ ރައްކާތެރިކަމާމެދު ގިނަބަޔަކު ވަނީ ސުވާލު އުފައްދައިފައެވެ. ނަމަވެސް އެމެރިކާގެ ފެޑަރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން އިން އިއްޔެ ވަނީ ބޮއިން ފްލައިޓުތަކުގެ ތެޔޮ ސުވިޗުތަކުގައި މައްސަލައެއް ނޫޅޭނެ ކަމަށާއި ރައްކާތެރިކަމަށް ފާހަގަކޮށްފައެވެ.