އިރާނުގެ ނިއުކްލިއާ ސައިންޓިސްޓުން މަރާލުމުގައި އިންޓަނޭޝަނަލް އެޓިމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) އިން އެހީތެރިވި ކަމަށް އެ ގައުމުން ބުނެފިއެވެ.

އިންޑިއާގައި ހުންނަ އިރާނުގެ ކައުންސިލް ޖެނެރަލް މޮހްސެނީ ފާދު އާ ހަވާލާއި ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި، އިރާނުގައި ހަރަކާތްތެރިވާ މޮސާޑުގެ އެޖެންޓުން ދީފައިވާ ހަމަލާތަކުގައި މަރުވެފައިވާ އިރާނުގެ ސައިންޓިސްޓުގެ މައުލޫމާތު ހިއްސާކޮށްފައިވަނީ އިންޓަނޭޝަނަލް އެޓިމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) އިންނެވެ.

އެހަމަލާތަކުގައި އިރާނުގެ 16 ސައިންޓިސްޓުން މަރުވެފައިވާއިރު އޭގެ ތެރޭގައި އިސް ސައިންޓިސްޓުން ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ. މޮހްސެނީ ވަނީ އިރާނުގައި ސައިންޓިސްޓުން ދިރިއުޅޭ އެޑްރެސްތަކާއި އެހެނިހެން ބައެއް މައުލޫމާތު އައިއޭއީއޭއިން ލީކު ކޮށްފައިވާކަމަށް ބެލެވޭކަމަށް ބުނެފައެވެ.

އިރާނުން ވަނީ އައިއޭއީއޭގެ ޑިރެކްޓާ ޖެނެރަލް ރަފައެލް ގްރޮއްސީގެ ބެލުމުގެ ދަށުން އައިއޭއީއޭ އިން އިރާނުގެ ނިއުކްލިއާ ސައިޓުތަކަށް މޮނީޓަރުން ފޮނުވައި އެތަންތަނުގެ މައުލޫމާތު އެމެރިކާއާއި އިސްރާއީލަށް ހިއްސާކޮށްފައިވާ ކަމަށްވެސް ތުހުމަތު ކޮށްފައެެވެ.

އިރާނުން ބުނެފައިވާ ގޮތުގައި، އެމެރިކާއިން ނިއުކްލިއާ ސައިޓުތަކަށް ބޮން އެޅުމުން ވެސް އައިއޭއީއޭ އިން އެކަމުގައި ކޮމެންޓެއް ކޮށްފައެއް ނުވެއެވެ.

އިރާނުން ވަނީ އެމެރިކާއިން އައިއޭއީއޭގެ ގަވާއިދުތަކާއި ގާނޫނުތަކާ ހިލާފުވެ އިރާނުގެ ނިއުކްލިއާ ސައިޓުތަކަށް ބޮން އެޅުން ކުށްވެރިކޮށް އައިއޭއީއޭގެ މެންބަރުކަމުން ވަކިވެފައެވެ.