ސަލްމާން ރަސްގެފާނު މިސްކިތުގައި ތަރައްގީ ކުރި އިސްލާމީ ކުތުބުހާނާ ހުޅުވައިފިއެވެ.

މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިސްލާމީ ކުތުބުހާނާ ރަސްމީކޮށް ހުޅުވައިދެއްވީ ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމްއެވެ. މި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އެ މިނިސްޓްރީގެ އިސްވެރިން ވަނީ ބައިވެރިވެލައްވައިފައެވެ.

މި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް ވިދާޅުވީ، މިސްކިތްތަކުގައި ލައިބްރަރީތައް ގާއިމްކޮށް މިސްކިތްތަކަށް ދިރުން ގެނައުމަކީ ސަރުކާރުން ހާއްސަ އަހައްމިއްޔަތުކަމެއް ދޭ ކަމެއް ކަމަށެވެ.

މިނިސްޓަރު ޝަހީމް ވަނީ ރާއްޖޭގެ ދީނީ އިލްމުވެރިންނަށް އެ ބޭފުޅުންގެ އަގުހުރި ފޮތްތައް ލައިބްރަރީއަށް ހަދިޔާކުރެއްވުމަށް ދައުވަތު ދެއްވައިފައެވެ. އަދި ދިވެހި އަދީބުންގެ ފޮތްތައްވެސް ލައިބްރަރީއަށް ހަދިޔާކުރެއްވުމަށް ވެސް އިލްތިމާސް ކުރެއްވިއެވެ.

ސަލްމާން ރަސްގެފާނު މިސްކިތުގެ ތިންވަނަ ފަންގިފިލާގައި ގާއިމްކޮށްފައިވާ އިސްލާމީ ކުތުބުހާނާ ހުޅުވާފައިވަނީ ޒަމާނީ ފެންވަރަށް ތަރައްގީކޮށް ތަނުގެ ބޭނުން ކުރާ ފަރާތްތަކަށް ހިތްފަސޭހަ މާހައުލަކަށް ހެދުމަށްފަހުގައެވެ. މީގެ އިތުރުން މި ކުތުބުހާނާގައި 15،000 އަށްވުރެ ގިނަ ފޮތް މި ވަގުތުވެސް ބެހެއްޓިފައި އެބަހުއްޓެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކުރެވިފައިވާ އިސްލާމީ މަރުކަޒުތަކުގައި އިސްލާމީ ކުތުބުހާނާތައް އުފެއްދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.