މި މަހުގެ އެއް ވަނަ ދުވަހު ތ. ވިލުފުށީގައި ތެޔޮ ބޯޓެއްގައި ރޯވެ، ހިނގި އަލިފާނުގެ ހާދިސާގައި ފިހިގެން މާލެ ގެނެސް ވެންޓިލޭޓަރުގައި ފަރުވާދެމުން އައި ދިވެހި މީހާ ވޯޑަށް ބަދަލުކޮށްފިއެވެ.

އެ ހާދިސާގައި ދެ މީހަކު ފިހުނެވެ. އެއީ އެ ބޯޓުގެ ވެރިފަރާތް ކަމަށްވާ 61 އަހަރުގެ ދިވެހި ފިރިހެން މީހާއާއި އެ ބޯޓުގައި މަސައްކަތްކުރާ ބިދޭސީއެވެ. އޭގެ ތެރެއިން ހާލު ސީރިއަސްވީ ބޯޓުގެ ވެރިފަރާތަށެވެ. އޭނާގެ ހަށިގަނޑުގެ ބޮޑު ބައެއް ފިހިފައިވެއެވެ.

އެ މީހާއަށް ވިލުފުށީ ހެލްތު ސެންޓަރުގައި ފަރުވާދިނުމަށްފަހު، ހަމަ އެ ދުވަހު އިތުރު ފަރުވާއަށް މާލެ ބަދަލު ކުރިއެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް "ވަން" އަށް މިއަދު ވިދާޅުވީ، އެ މީހާގެ ހާލު ރަނގަޅުވަމުން އައުމުން ވެންޓިލޭޓަރުން ނަގައި ވޯޑަށް ބަދަލުކޮށްފައިވާ ކަމަށެވެ. ނަމަވެސް ވޯޑަށް ބަދަލުކުރީ ކޮން ތާރީހެއްގައި ކަމެއް ވިދާޅެއް ނުވެއެވެ.

"އެ މީހާ ވެންޓިލޭޓަރުން ނަގައި ވޯޑަށް ވަނީ ޓްރާންސްފާ ކޮށްފައި،" އޭނާ ވިދާޅުވިއެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި ތެޔޮ ބޯޓުގައި ރޯވި ހާދިސާ އެ ސާވިސްއިން އަންނަނީ ތަހުގީގު ކުރަމުންނެވެ. އެ ހާދިސާގައި އެ ބޯޓު އެއްކޮށް އަނދައި ހުލިވެފައިވާ އިރު، ކައިރީގައި އޮތް އެހެން ތެޔޮ ބޯޓެއްް ވެސް އަނދައިފައިވެއެވެ.

އެނގިފައިވާ ގޮތުގައި ބޯޓުގައި އަލިފާން ރޯވެފައިވަނީ ޕެޓްރޯލް ފުލްކޮށް ހުއްޓައި ޕަމްޕު ޖެއްސުމުންނެވެ. ދެ ވަނަ ބޯޓުގައި ރޯވެފައިވަނީ ފުރަތަމަ ބޯޓުގައި ރޯވި އަލިފާންގަނޑު އެ ބޯޓަށް ފެތުރިގެންނެވެ.