އެއާ އިންޑިއާގެ ފްލައިޓު ވެއްޓުމުގެ ކުރީން އިންޖީނަށް ތެޔޮ ފޮނުވާ ''ފިއުލް ސުވިޗު" ނިއްވާލިކަން ތަހުގީގީ ރިޕޯޓުން ހާމަވެއްޖެއެވެ.

މި ސުވިޗް ނިއްވާލިކަން ހާމަވި ނަމަވެސް، ފުލައިޓު ވެއްޓުނީ ސީދާ މި ސަބަބާ ހެދިކަމެއް އިންޑިއާގެ އެއާ ކްރާފްޓް އިންވެސްޓިގޭޝަން ބިއުރޯ އިން ރޭ އާންމުކޮށްފައިވާ ރިޕޯޓުގަިއ ބުނަފައެއް ނުވެއެވެ.

ފްލައިޓުގެ ކޮކްޕިޓް ރެކޯޑިންގެ މައުލޫމާތު ބޭނުންކޮށްގެން ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމަށް ކުރި ތަހުގީގުގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ސުވިޗް ނިއްވުމާ ގުޅޭ ގޮތުން ދެ ޕައިލެޓުންގެ މެދުގައި ވާހަކަދައްކާ އަޑު އިވެއެވެ. އެ ގޮތުން އެއް ޕައިލެޓަކު އަނެއް ޕައިލެޓު ގާތު، "ފިއުލް ސުވިޗް ނިއްވީތޯ" ސުވާލު ކުރެއެވެ. އަދި އަނެއް ޕައިލެޓް އެ ސުވިޗު ނުނިއްވާ ކަމަށް ބުނެއެވެ.

ރިޕޯޓުގައި ވާގޮތުން ފްލައިޓުގެ ސްޕީޑު އެންމެ ބާރުވެފައިވަނީ 180 ނޮޓަށަވެ. އަދި އެއަށްފަހު ދެ އިންޖީނަށް ތެޔޮ ލިބުން ކެނޑޭކަމަށް ފާހަގަކޮށްފައި ވެއެވެ. ރިޕޯޓުގައި ވާގޮތުން ދެ އިންޖީނުން ތެޔޮ ކެނޑެން އެއް ސިކުންތު ހޭދަވެއެވެ.

ފްލައިޓު ނައްޓާލުމާއެކު ހިނގުކޮޅެއްގެ ތެރޭގައި ދެ އިންޖީނު ވެސް ނިވެންފަށައެވެ. އަދި ފްލައިޓު ވެއްޓެނީ އެހިސާބުން ކަމަށް ރިޕޯޓުގައި ވެއެވެ.

މީގެ ކުރީން އޭވިއޭޝަން އެކްސްޕާޓުން ވަނީ ފްލައިޓު ވެއްޓެން މެދުވެރިވެފައިވަނީ ފްލައިޓު ދޫންޏެއްގައި ޖެހިގެން ކަމަށް ލަފާކޮށްފައެވެ. ނަމަވެސް ރިޕޯޓުން ވަނީ ތަހުގީގުން އެއްވެސް ވަރަކަށް ފްލައިޓުގައި ދޫންޏެއް ޖެހިފައިވާކަމުގެ ހެއްކެއް ފެނިފައި ނުވާކަމަށް ފާހަގަކޮށްފައެވެ.

އެއާ އިންޑިއާގެ ފްލައިޓް އޭއައި-171 ވެއްޓުނީ އަހްމަދާބާދުން ފުރިތާ 30 ސިކުންތު ފަހުންނެވެ. މި ހާދިސާގައި 241 މީހުން މަރުވިއެވެ. އެއީ 229 ދަތުރުވެރީންނާއި 12 ފަޅުވެރީންނެވެ. އަދި ބޯޓު ވެއްޓުނު ބިލްޑިންގުގައި ތިބި މީހުންގެ ތެރެއިން ވެސް މަދުވެގެން 8 މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.