އިންޑިއާއިން ސްޓާލިންކަށް ލައިސަންސް ދީފިއެވެ.

އެލަން މަސްކުގެ ސްޓާލިންކު ބޭނުންކުރުމުގެ ލައިސަންސް އެ އިންޑިއާއިން އެ ކުންފުންޏަށް އިއްޔެ ދީފައިވާއިރު އެ ހުއްދައާއެކު ސްޓާލިންކް ބޭނުންކޮށް އިންޑިއާގައި ވިޔަފާރި ކުރުމުގެ ހުއްދަ ލިބިގެން ދާނެއެވެ.

މި ހުއްދަ ހޯދުމުގެ މަސައްކަތް 2022 ވަނަ އަހަރުން ފެށިގެން ސްޓާލިންކުން އައީ ކުރަމުންނެވެ.

އޮފިޝަލުން ބުނާގޮތުގައި، އިންޑިއާގެ ޖައްވީ ކަންކަމާ ބެހޭ އިދާރާ، އިންޑިއަން ނެޝަނަލް ސްޕޭސް ޕްރޮމޯޝަން އެންޑް އޮތޯރައިޒޭޝަން ސެންޓަރުން ސްޓާލިންކުގެ ހިދުމަތް އިންޑިއާގައި ދޭން މިވަގުތަށް އަދި ދީފައި ވަނީ ފަސް އަހަރުގެ ލައިސަންސެކެވެ. މި ލައިސަންސްގެ މުއްދަތު އިތުރުކުރެވޭނެ އެވެ.

އިންޑިއާގައި ހިދުމަތް ދިނުމަށް ލައިސަންސް ލިބުމާއެކު ސްޓާލިންކުން ދެން ޖެހޭނީ އިންޑިއާ ސަރުކާރުން ހޯދަން ޖެހޭ އެހެން ހުއްދަތައް ހޯދައި ހަދަން ޖެހޭ ޓެސްޓުތައް ހެދުމުގެ އިތުރުން ޑިވައިސްތައް ހަރުކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާށެވެ.

ސްޓާލިންކު ވެފައި މިވަނީ އިންޑިއާގައި ސެޓެލައިޓު މެދުވެރިކޮށް އިންޓަނެޓްގެ ހިދުމަތް ދިނުމަށް ހުއްދަ ލިބޭ ތިން ވަނަ ކުންފުނި ކަމުގައެވެ. މީގެ ކުރީން އިންޑިއާގައި އެ ހިދުމަތް ދެމުން އަންނަނީ އެއުޓެލްސަޓްގެ ވަން ވެބް އާއި ރިލައެންސް ޖިއޯއިންނެވެ.

އިންޑިއާއަށް ސްތާލިންކުގެ ހިދުމަތް ދިނުމަށް އެލަން މަސްކު މަސައްކަތް ފެށުމާއެކު އިންޑިއާގެ ބިލިއަނަރު އަދި ރިލައެންސް ޖީއޯގެ ވެރިޔާ މުކޭޝް އަންބާނީ އާއި އެލަންއާ ދެމެދު އެތައް ފަހަރެއްގެ މަތީން ހިޔާލުތަފާތުވުން އުފެދިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.