ތިމާވެއްޓާއި ރަށްޓެހި ދެމެހެއްޓެނިވި ދަނޑުވެރިކަން ދަނޑުވެރިންނަށް ތައާރުފު ކުރުމަށް އުތުރުގެ 12 ރަށެއްގައި ގްރީންހައުސް ގާއިމުކޮށްފި އެވެ.

ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީ އަދި އިފާޑް ގުޅިގެން ކުރިއަށް ގެންދާ މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް) ގެ ދަށުން ކުރިޔަށްގެންދާ އެ މަސައްކަތުގެ ދަށުން ގްރީންހައުސްތަކުގައި ކިއުކަމްބާ، މެލަން، މިރުސް އަދި ކެޕްސިކަމް ފަދަ ތަކެތި ހެއްދުމުގެ ތަމްރީނުތައް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ސަރުކާރު ހަބަރުތައް ގެނެސްދޭ ނޫސް "ސަރުކާރު"ގައި ބުނެފައިވާ ގޮތުގައި އެ 12 ރަށުގެ ތެރެއިން މިހާތަނަށް 11 ރަށެއްގައި ގްރީންހައުސްގެ ހަރަކާތްތައް ކުރިޔަށް ގެންގޮސްފައިވެ އެވެ. އެ ރަށްތަކަކީ:

  • ހދ. މަކުނުދޫ
  • ހދ. ނޭކުރެންދޫ
  • ހދ. ނޮޅިވަރަމްފަރު
  • ހދ. ވައިކަރަދޫ
  • ހއ. ކެލާ
  • ހއ. އުލިގަމު
  • ހއ. މޮޅަދޫ
  • ހއ. ފިއްލަދޫ
  • ށ. ނަރުދޫ
  • ށ. ގޮއިދޫ
  • ށ. ފޯކައިދޫ

އެ ނޫހުގައި އިތުރަށް ބުނެފައިވާ ގޮތުގައި ގްރީން ހައުސްތައް ގާއިމުކޮށް ދަނޑުވެރީން ޒަމާނީ ދަނޑުވެރިކަމަށް އަހުލުވެރި ކުރުމުގެ އިތުރުން، ދަނޑުވެރިކަމުގައި ކުރިއަރައިދިއުމަށް ބޭނުންވާ ތަފާތު ތަމްރީނުތައްވެސް ދަނޑުވެރީނަށް މެޕް އިން ފޯރުކޮށްދެމުން އެބަދެ އެވެ.