ރައީސް ޑރ. މުހައްމަދު މުއިއްޒު ނ އަތޮޅުގެ ބައެއް ރަށްތަކަށް ފުރާވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

އެނގިފައިވާ ގޮތުގައި ތިން ދުވަހުގެ އެ ދަތުރުފުޅުގައި ރައީސް ނ އަތޮޅަށް ފުރާވަޑައިގަންނަވާނީ މާދަމާގެ ވަގުތެއްގައެވެ. އެ ދަތުރުފުޅުގައިގައި ނ. މާފަރު އެއާޕޯޓަށް ބޮޑުކުރި ބައި ރަސްމީކޮށް ހުޅުވަން ހަމަޖައްސާފައިވާކަންވެސް އެނގިފައިވެއެވެ.

ރައީސް ނ އަތޮޅަށް ވަޑައިގަންނަވާއިރު، އެކަމާ ގުޅިގެން ރައީސް އޮފީހުން އަދި ރަސްމީކޮށް އެއްވެސް ޖަވާބެއް ނުދެއެވެ. ރައީސް ވަޑައިގަންނަވާ ދުވަހެއްވެސް ރަސްމީކޮށް އިއުލާނެއް ނުކުރެއެވެ.

ގިނަ އަދަދަކަށް މަހުޖަނުންގެ ޕްރައިވެޓް ޖެޓްތައްވެސް ޖައްސާ މާފަރު އިންޓަނޭޝަނަލް އެއާޕޯޓަކީ، އަބޫދާބީ ފަންޑުގެ އެހީގައި ތަރައްގީކޮށް، ޑިސެމްބަރު 2019ގައި ހުޅުވި އެއާޕޯޓެކެވެ.

މާފަރު އެއާޕޯޓް އިތުރަށް ތަރައްގީކުރުމުގެ ދެ ވަނަ ފިޔަވަހީގައި ރަންވޭ ބޮޑު ކުރުމަށް 27.1 މިލިއަން ޑޮލަރަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)އާ ވަނީ ހަވާލުކޮށްފައެވެ. އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

މާފަރު އެއާޕޯޓް ބޮޑުކުރުމުގެ ދެ ވަނަ ފިޔަވަހީގެ މަސައްކަތުގެ ދަށުން އެއާޕޯޓް ރަންވޭ އިތުރު 650 މީޓަރަށް ބޮޑުކުރުމަށާއި ސްޓްރިޕް ފުޅާކުރުމަށްޓަކައި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރުން ހިމެނެއެވެ. އަދި މިހާރު ބޭނުންކުރާ ރަންވޭ ޕޭވްމަންޓް އަޕްގްރޭޑް ކުރުމާއި ޓެކްސީވޭ ފުޅާ ކުރުމާއި ރަންވޭ ލައިޓް އަޕްގްރޭޑް ކުރުމުގެ އިތުރުން ޕަވާ ސިސްޓަމް އަޕްގްރޭޑް ކުރުންވެސް ހިމެނެއެވެ.

މީގެ އިތުރުން އެ އެއާޕޯޓުގެ ޓާމިނަލް ތަރައްގީކޮށްދޭނެ ބަޔަކު ހޯދަން މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ވަނީ އަލުން އިއުލާނުކޮށްފައެވެ. މީގެ ކުރީންވެސް ދެ ފަހަރެއްގެ މަތީން އެކަމަށް އިއުލާނުކޮށްފައިވެއެވެ. ބޭރުގެ ކުންފުނިތަކަށްވެސް ކުރިމަތިލެވޭ ގޮތަށް އޮތް އެ އިއުލާންގެ މުއްދަތު މިހާރު ވަނީ ހަމަވެފައެވެ.

މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ބޮޑުކޮށް ނިމުމުން، އެ އެއާޕޯޓުގައި ބޮއިންގް 777 ޓްވިން ޖެޓް ޖެއްސޭނެ ކަމަށް އެ އެއާޕޯޓު ހިންގާ އައިލެންޑް އޭވިއޭޝަނުން ބުނެފައިވެއެވެ.