ލަންކާ ފުލުހުންގެ ކުއްލި އޮޕަރޭޝަނެއްގައި 300 މީހަކު ހައްޔަރުކޮށްފިއެވެ.

ސްރީލަންކާގެ ފުލުހުން އިއްޔެ އާއި ރޭ ކުރިޔަށްގެންދިޔަ ކުއްލި އޮޕަރޭޝަންގައި އެ ގައުމުގެ ޖައެލާ އާއި ވައްޓަލަ އަދި ރަގަމާ ސަރަހައްދުން މިހާތަނަށް 300 އެއްހާ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި އޮޕަރޭޝަންގައި އެ ގައުމުގެ ސްޕެޝަލް ޓާސްކްފޯހާއި އާމީގެ އިތުރުން ނޭވީވެސް ބައިވެރިވެފައިވާކަމަށް އެ ގައުމުގެ މިނިސްޓްރީ އޮފް ޕަބްލިކް ސެކިއުރިޓީން ވަނީ ބުނެފައެވެ.

އޮފިޝަލުން ބުނެފައިވާގޮތުގައި، އމި އޮޕަރޭޝަންގައި ވަނީ ލަންކާގައި ގާނޫނާ ހިލާފަށް އުޅޭ މީހުންގެ އިތުރުން އެކި ކުށްތައް ކުރާ މީހުން ހައްޔަރުކޮށްފައެވެ. ހާއްސަކޮށް މަސްތުވާތަކެތީގެ މައްސަލަ ބޮޑު ސަރަހައްދުތައް ރެއިޑްކޮށް އެ ސަރަހައްދު ތަކުން ގިނަ އަދަދެއްގެ މީހުން ހައްޔަރުކޮށްފައިވާކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ލަންކާގައި ކުށްކުރުން ގިނަވެ އާންމުންނަށް އެކަމުގެ ނުރަނގަޅު އަސަރު ސީދާކޮށް ކުރަމުން އަންނަކަން ފާހަގަ ވެ ކުރިޔަށްގެންދިޔަ މި އޮޕަރޭޝަން ހުއްޓާނުލައި ކުރިޔަށް ގެންދާނެކަމަށާއި މިއަދުވެސް ގިނަ ސަރަހައްދުތަކެއްގައި ޓީމުތައް ހަރަކާތްތެރި ވާނެ ކަމަށް އޮފިޝަލުން ބުނެއެވެ.