އިންޓަނޭޝަނަލް އެޓަމިކް އެނާޖީ އެޖެންސީ ''އައިއޭއީއޭ' 'ގެ އިންސްޕެކްޓަރުންގެ ޓީމުތައް އިރާން ދޫކޮށް ފުރައިފިއެވެެ.

''އައިއޭއީއޭ''ގެ އިންސްޕެކްޓަރުންގެ ޓީމުތައް އިރާނު ދޫކޮށް ފުރާފައިވާކަމަށް އެ އެޖެންސީ ބުނެފައިވާއިރު އިރާނުން މިދިޔަ ހަފުތާގައި ވަނީ އައިއޭއީއޭ އިން ވަކިވުމަށް ނިންމައި ރަސްމީކޮށް އަންގައިފައެވެ.

އައިއޭއީއޭގެ ޑިރެކްޓަރު ޖެނެރަލް ރަފައެލް ގްރޮއްސީ ވަނީ އިރާނާއެކު މަޝްވަރާތައް އަވަހަށް ފަށަން ޖެހޭ ކަމަށާއި އެ އިދާރާއިން ކުރަމުންދިޔަ މޮނިޓަރިން އާއި ވެރިފިކޭޝަން އަލުން ފަށަން ޖެހޭ ކަމަށް ބުނެފައެވެ.

އިރާނާއި އިސްރާއީލު ކުރި 12 ދުވަހުގެ ހަނގުރާމައިގެ ތެރެއަށް އެމެރިކާއިން ވަދެ އިރާނުގެ ނިއުކްލިއާ ސައިޓުތަކަށް ދިން ބަންކާ ބޮމުގެ ކުއްލި ހަމަލާއާ ގުޅިގެން އިރާނުން ވަނީ އައިއޭއީއޭ އާއި ވަކިވެ އިރާނުގައި ތިބި އައިއޭއީއޭ ޓީމުތައް އެގައުމު ދޫކޮށް ދާން ޖެހޭނެ ކަމަށް ބުނެފައެވެ.

އެމެރިކާއިން އިރާނުގެ ނިއުކްލިއާ ސައިޓުތަކަށް ތިން ހަމަލާގައި އެ ސައިޓުތަކަށް ގެއްލުން ވެފައި ނުވާކަމަށް އިރާނުން ބުނެފައިވާއިރު އެމެރިކާއިން ވަނީ ކާމިޔާބު ހަމަލާތަކެއް ދެވިއްޖެ ކަމަށާއި ނިއުކްލިއާ ސައިޓުތައް ގޮއްވާލި ކަމަށް ބުނެފައެވެ.

އެމެރިކާއިން ދިން ހަމަލާއާ ގުޅިގެން ނިއުކްލިއާގެ އަސަރު ލީކުވެފައިވޭތޯ އަވައްޓެރި ގައުމުތަކުން ވަނީ ގިނަ ޓެސްޓުތަކެއް ކޮށް ލީކުވެފައިވާކަން ފާހަގަވެފައި ނުވާކަމަށް ބުނެފައެވެ.