ފޮރުވައިގެން ލަންކާއަށް ހަރުފަ އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.

ޝީހާން ނަމަކަށް ކިޔާ އެ މީހާ ހައްޔަރުކޮށްފައި ވަނީ ތައިލެންޑުގެ ވެރިރަށް ބެންކޮކްގައި ހުންނަ ސުވާރްނަބޫމީ އެއާޕޯޓުން ކަމަށް ހަބަރުތައް ބުނެއެވެ.

ތައި އެއާވޭސް އިން ބެންކޮކުން ލަންކާއަށް ދަތުރުކުރަން އުޅުނު އެމީހާގެ ޖަނގިޔަލުގެ ތެރޭގައި ފޮރުވާފައި ހުރި އެ ހަރުފަތައް ބެންކޮކްގެ ކަސްޓަމްސްއިން ހޯދައި ތައިލެންޑުގެ ދަ ވައިލްޑްލައިފް ކްރައިމް އިންޓެލިޖެންސް ސެންޓަރާ ހަވާލުކޮށްފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ލަންކާގެ އޮފިޝަލުންނާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި، އެ މީހާ ވަނީ މީގެ ކުރީންވެސް ހައްޔަރުކޮށްގައެވެ. އެ ފަހަރުވެސް ހައްޔަރު ކުރީ ގަވައިދާ ހިލާފަށް ޖަނަވާރު ބޭރުކުރަން އުޅުމުގެ ކުށުގައި ކަމަށް ވެސް ހަބަރުތައް ބުނެއެވެ.

އޮފިޝަލުންނާ ހަވާލާދީ ހަބަރުތައް ބުނާގޮތުގައި، ބެންކޮކު އެއާޕޯޓުން އޭނާ ބަލައި ފާސްކުރީ އޭނާގެ އަމަލުތައް ހުރިގޮތުން ޝައްކު ވެގެންނެވެ. އޭނާ ޖަނގިޔަލުގެ ތެރޭގައި ހަރުފަތައް ފޮރުވާފައި ހުރީ ޕެކެޓަށް އަޅައިފައި ކަމަށް ވެސް ހަބަރުތައް ބުނެއެވެ.