ރައީސް ޑރ. މުހައްމަދު މުއިއްޒު ސިންގަޕޫރަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، ސިންގަޕޫރުގެ އާބަން ރީޑިވެލޮޕްމަންޓް އޮތޯރިޓީ (ޔޫއާރްއޭ) އާއި ހައުސިން އެންޑް ޑިވެލޮޕްމަންޓް ބޯޑަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.

ރައީސް ޔޫއާރްއޭއަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުހަބާ ދެންނެވީ އެތަނުގެ ޑެޕިއުޓީ ސީއީއޯ އަދި ޗީފް ޕްލޭނަރު އެޑެލް ޓަން ޝިއާއޯ ލިންގް އާއި ސިންގަޕޫރުގެ ހައުސިން އެންޑް ޑިވެލޮޕްމަންޓް ބޯޑުގެ ޑިރެކްޓަރު (ޕޮލިސީ އެންޑް ޕްރޮޕަޓީ) ސިއާ ޓްޒޭ މިންގްއެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ރައީސްއާއި އެ މަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ވަފްދުގެ ބޭފުޅުންނަށް ވަނީ، ސިންގަޕޫރު ރައްޔިތުންގެ ލުއިފަސޭއަށް އިސްކަންދޭ، ރައްކާތެރި އަދި ސްމާޓް ދިރިއުޅުމެއް އުޅެވޭނެ ސިޓީއެއް ބިނާކޮށް، ދެމެހެއްޓުމަށް ސިންގަޕޫރުން ގެންގުޅޭ ދުރުރާސްތާގެ ޕޮލީސެންޓްރިކް އާބަން ޕްލޭނިންއާ ބެހޭގޮތުން ޕްރެޒެންޓޭޝަނެއް ދީފައި ކަމަށެވެ.

އެ ޕްރެޒެންޓޭޝަނަށްފަހު އޮތީ މޫސުމަށް އަންނަ ބަދަލުތަކަށް ހޭނިގެން، ރައްޔިތުންނަށް އަގުހެޔޮ ބޯހިޔާވަހިކަމެއް ހޯދައިދިނުމަށް އަމާޒުކުރުންވެސް ހިމަނައިގެން، ސިންގަޕޫރު ސަރުކާރުން ހިންގާ މަލްޓިސެކްޓޯރަލް އާބަން ޕްލޭނިން މަޝްވަރާތަކުގައި އާންމުންގެ ބައިވެރިވުން ހިމެނުމަށް އެ ގައުމުން ކުރަމުން އަންނަ މަސައްކަތްތަކާ ބެހޭގޮތުން ބޭއްވި ސުވާލާއި ޖަވާބު ސެޝަނެއް ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ރައީސް ވަނީ، ޔޫއާރްއޭގެ ސިންގަޕޫރު ސިޓީ ގެލެރީއަށް ޒިޔާރަތް ކުރައްވައި، ސިންގަޕޫރުގެ އާބަން ޕްލޭނިން އެކިއެކި މަރުހަލާތައް ބައްލަވާލައްވައި، އެ ސިޓީ ބެލެހެއްޓުމަށް ވޭތުވެދިޔަ އަހަރުތަކުގައި ކުރިމަތިވި އެކިއެކި ގޮންޖެހުންތަކާއި އެކަންކަމަށް ހައްލުތައް ގެނެވުނު ގޮތް ބައްލަވާލައްވައިފައެވެ.

ޔޫއާރްއޭ އަކީ އެތަނުގެ ޑިސްޓްރިކްޓް ކޮންޒަވޭޝަން ޕްރޮގްރާމުގެ ސަބަބުން ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ބައެކެވެ. އަދި އެއީ ދެމެހެއްޓެނިވި ގޮތެއްގައި ދިރިއުޅުމަށް އެކަށޭނަ ތަންތަން ތަރައްގީ ކުރުމަށް ހާއްސަ ކޮށްފައިވާ ކުންފުންޏެކެވެ.