ކުރީގެ މިނިސްޓަރު، އަހުމަދު މަހުލޫފްގެ އަނބިކަނބަލުން، ނަޒްރާ ނަސީމް އިންޑިއާއަށް މިދިޔަމަހުގެ ފަސްވަނަ ދުވަހު ދިޔައީ ބައްޕަ ގޮވައިގެން، ބައްޕަގެ މުހިންމު އޮޕަރޭޝަނެއް ކުރުމަށެވެ. އޮޕަރޭޝަން ކުރުމަށް ކަނޑައެޅި ދުވަސް އެކި ސަބަބުތަކާ ހެދި ދިގުދެމިގެން ދިޔައެވެ.
ނަޒޫ މާލޭގައި ދިރިއުޅޭ ގޭގައި، ބައްޕަގެ އެކިކަންކަމުގައި އެހީތެރިވުމަށް 22 އަހަރުގެ އަންޖަން ކިޔާ ނޭޕާލް މީހަކު ގެންގުޅެއެވެ.
ނަޒޫ، ބައްޕަގެ ބޭސްފަރުވާގެ ކަންކަމަށް އިންޑިއާއަށް ދިޔައީ ރަންޖަންވެސް ގޮވައިގެންނެވެ. ބައްޕަ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮންނައިރު ރަންޖަން، ނަޒޫ އަދި ދައްތަ އަސްރާވެސް ކައިރީގައި ތިބެއެވެ. އެގޮތަށް ތިބޭއިރު ފެންވަރައި އެހެނިހެން ކަންކަން ކުރުމަށް ނަޒޫމެން ދިރިއުޅޭ އެޕާޓްމެންޓަށް އަންޖަން ފޮނުވައެވެ. އެއީ އާދައިގެ މަތީން ކޮންމެ ދުވަހަކުވެސް ކަންކުރާ ގޮތެވެ.
އަންޖަން ފިލީ އެގޮތަށް ގެޔަށް ފޮނުވި ދުވަހެއްގައެވެ. އޭނާ ފިލީ ނަޒޫގެ ބައްޕަގެ ބޭސްފަރުވާގެ ކަންކަމަށް ހަރަދުކުރަން ބަހައްޓާފައި ހުރި 2،000 ޑޮޮލަރު ވަގަށް ނަގައިގެންނެވެ.
"އެއީ އެންމެ 22 އަހަރުގެ މީހެއް، ނުވަ އަހަރުގެ މަންމަ މަރުވެފަކަމަށް ރަންޖަން ބުނީ. އަޅުގަނޑުމެން އައީ ރަންޖަންއަށް އެކި ކަންކަމުގެ އެހީތެރިކަންވެސް ފޯރުކޮށްދެމުން" މި ވަގުތު ކޮޗިންގައި ހުރި ނަޒޫ ފޯނުން "ވަން" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވިއެވެ.
ނަޒޫ ވިދާޅުވީ ރަންޖަން ގޮވައިގެން އިންޑިއާއަށް ފުރުމުގެ ކުރިން އޭނާއަށް ދެމަސް ދުވަހުގެ މުސާރަވެސް އެޑްވާންސަށް ދީފައިވާނެ ކަަމަށެވެ.
"އޭނާ އެކަހަލަ ކަމެއް ކޮށްފާނެ ކަމަކަށް ގަބޫލެއްވެސް ނުކުރެވުނު."، ރަންޖަންއާމެދު ރަނގަޅަށް ކަންތައް ކޮށްދިނުމަށްފަހު އޭނާގެ ފަރާތުން އެފަދަ ކަމެއް ފެނުމުން ނަޒޫ ވިދާޅުވިއެވެ. ނަޒޫ ވިދާޅުވީ 2،000 ޑޮޮލަރު ހިފައިގެން ރަންޖަން ފިލުމުން ކޮންމެވެސް ވަރަކަށް ފައިސާގެ ދަތިކަމެއް ދިމާވި ކަމަށެވެ.
"އޭނާ (ރަންޖަން) އަކީ ކުރީން މުމްބާއީގައި މަސައްކަތްކުރި މީހެއް. ފައިސާތައް ހިފައިގެން ފިލައިގެން ނޭޕާލަށް ދާން އުޅުނީ. އެކަމަކު އިންޑިއާ ފުލުހުން މިހާރުވަނީ އޭނާ ރިމާންޑަށް ނަގާފަ" ނަޒޫ ވިދާޅުވިއެވެ.
ރަންޖަން ރިމާންޑުގައި ހުއްޓާ އޭނާއާ ބައްދަލުކޮށްފައިވާނެ ކަމަށް ނަޒޫ ވިދާޅުވިއެވެ. ވަގަށް ނެގި ފައިސާ އާއިލާއަށް ދީފައިވާ ކަމަށް ރަންޖަންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ކަމަށްވެސް ނަޒޫ ވިދާޅުވިއެވެ. އެ ފައިސާތައް އަނބުރާ ލިބޭނެކަމުގެ އުންމީދުވެސް ކުޑަކަމަށް ނަޒޫ ވިދާޅުވިއެވެ.
ރަންޖަން، ފައިސާތައް ވަގަށް ނެގި މައްސަލަ ފުލުހަށް ހުށަހެޅުމާއެކު އިންޑިއާ ފުލުހުން އެ މައްސަލަ ވަރަށް ގާތުން ބަލައި ފޯރުކޮށްދިން އެހީތެރިކަމަށް އިންޑިއާ ސަރުކާރަށް އަދި އެކަމުގައި އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާކަމަށް ނާޒޫ ވިދާޅުވިއެވެ.
ނަޒޫ ވިދާޅުވީ ރަންޖަންއާ ގުޅޭ ގޮތުން ރާއްޖޭގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރަން ޖެހޭ ކަންކަން ކުރާނެ ކަމަށެވެ.
މުހައްމަދު އިޝާން
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް
ނޭޕާލް ފިރިހެނަކު ގެންގުޅެވޭނީ ހަމަ އެކަނި ބަލިމީހަކު ބަލަން ނުވަތަ ޑްރައިވަރަކަށް. އޭނާ ގެންގުޅެނީ ޤަވާއިދާ ޚިލާފަށް
ސައްލި - 12 މަސް ކުރިން