ސިންގަޕޫރުގައި ބޭއްވި ރާއްޖެ-ސިންގަޕޫރު ބިޒްނަސް ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ މި ފޯރަމަކީ ރާއްޖެ އާއި ސިންގަޕޫރާ ދެމެދު އިގުތިސޯދީ ގުޅުން އިތުރަށް ބަދަހިކުރަން އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. މި ފޯރަމަކީ ދެ ގައުމުގެ ދެމެދުގައި އޮތް އިގުތިސޯދީ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ސަރުކާރުން ގެންގުޅޭ ފަހި ސިޔާސަތު ދައްކުވައިދޭ ނަމޫނާއެއް ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ފޯރަމްގައި ރައީސް ވަނީ ރާއްޖެ އާއި ސިންގަޕޫރާ ދެމެދު ވޭތުވެދިޔަ 50 އަހަރުގެ ތެރޭގައި ވިޔަފާރީގެ ގުޅުމުގެ ތެރެއިން ހާސިލުކުރެވުނު ކުރިއެރުންތަކުން ފާހަގަކޮށްލެވޭ އެހީތެރިކަމެއް ވެދެއްވާފައިވާ ދިވެހިންނަށާއި ސިންގަޕޫރުގެ ރައްޔިތުންނަށާއި ވިޔަފާރިތަކަށް އިނާމު ދެއްވާފައި ކަމަށެވެ.

ފޯރަމްގައި ‎2040 ވަނަ އަހަރާ ހަމައަށް ތަރައްގީވެފައިވާ ގައުމެއްގެ ދަރަޖައަށް ރާއްޖެ ގެންދިއުމަށް ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުމަށް ރޭވިފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ ސާފު ހަކަތަ އާއި މަތީ ފަންތީގެ ފަތުރުވެރިކަމާއި އުމްރާނީ ތަރައްގީ އަދި ޑިޖިޓަލް އިގުތިސޯދުގެ ދާއިރާތަކުން ހުރި މުހިންމު އިންވެސްޓްމަންޓް ފުރުސަތުތައް އާންމުކޮށްފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

‎މި ފޯރަމްގެ ތެރެއިން ދިވެހި ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި ތަޖުރިބާ ދަތުރުތަކާއި ތަމްރީނު ޕްރޮގްރާމްތަކާއި އަދި ކޮންސަލްޓެންސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ފިނޭންސް މިނިސްޓްރީ އާއި ސިންގަޕޯ ކޯޕަރޭޝަން އެންޓަރޕްރައިޒް އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފައިވެއެވެ.

‎މީގެ އިތުރުން، މި ފޯރަމްގެ ތެރެއިން އިތުރު ދެ އެގްރިމެންޓެއްގައިވެސް ސޮއިކޮށްފައިވެއެވެ. އެގޮތުން ރެޒިޑެންސީ ބައި އިންވެސްޓްމަންޓް ޕްރޮގްރާމެއްގައި ދިވެހި ސަރުކާރާއި ހެންލީ އެންޑް ޕާޓްނާސްއާ ދެމެދު ވަނީ ސޮއިކޮށްފައެވެ. މި ޕްރޮގްރާމަކީ އިންވެސްޓް ކުރުމުން ރާއްޖޭގައި ވަޒަންވެރިވުމަށް ފުރުސަތު ލިބޭ ޕްރޮގްރާމެކެވެ.

ހެންލީ އެންޑް ޕާޓްނާސްއަކީ މިފަދަ ކަންކަމުގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ފާމެކެވެ. މި އެއްބަސްވުމުގެ ސަބަބުން ރިއަލް އެސްޓޭޓް އިންވެސްޓްމަންޓްގެ ފުރުސަތުތައް ހުޅުވި، ދިރިއުޅެން އަދި އިންވެސްޓްކުރަން އެންމެ ރަނގަޅު ރަށްތަކުގެ އިގްތިސޯދެއްގެ ގޮތުގައި ރާއްޖެ ފާހަގަ ކުރެވޭނެއެވެ.

‎މީގެ އިތުރުން، ދިވެހި ސަރުކާރާއި އޭޕީއެމް އެސްޕީވީ ޕްރައިވެޓް ލިމިޓެޑާ ދެމެދު، ޕްރޮޖެކްޓް ސޯލާ ސިޓީ އިންވެސްޓްމަންޓާ ގުޅޭ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަަށުން ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ގާއިމުކުރެވޭ އެންމެ ބޮޑު ފްލޯޓިން ސޯލާ ޕަވާ ޕްރޮޖެކްޓްގެ މަސައްކަތް ފެށިގެންދާނެއެވެ. އަދި ރާއްޖޭގެ މޫސުމާ ގުޅޭ ލަނޑުދަނޑިތަކާ އެއްގޮތްވާ ގޮތުގެ މަތިން 2028 ވަނަ އަހަރާ ހަމައަށް ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ ނިސްބަތުގެ 30 ޕަސަންޓު އިއާދަކުރަނިވި ހަކަތަޔަށް ބަދަލުކުރުމުގެ މަސައްކަތަށް ވެސް މި މަޝްރޫއުގެ ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.

‎މި ފޯރަމްގައި، "ފްރޮމް ފައުންޑޭޝަން ޓު ފިއުޗާ" އެކްސްޕްލޯރިންގް އިންވެސްޓްމެންޓް ޕާޓްނާޝިޕްސް،" ޝިއާރުގެ ދަށުން މަތީ ފެންވަރުގެ ޕެނަލް ޑިސްކަޝަނެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ. މި މަޝްވަރާގައި އަލިއަޅުވާލެވުނީ ރާއްޖޭގެ ފުޅާ ތަރައްގީގެ ލަނޑުދަނޑިތަކާ އެއްގޮތްވާ ގޮތުގެ މަތިން، އެކި ދާއިރާތަކުން ދެމެހެއްޓެނިވި ގޮތެއްގައި އިންވެސްޓްމަންޓްތަކުގެ ފައިދާ ހޯދުމުގެ މައްޗަށެވެ.