ރާއްޖޭގައި ފުރަތަމަ ފަހަރަށް ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ މަޝްރޫއެއްގެ ގޮތުގައި ހިންގާ ސޯލާ ސިޓީ މަޝްރޫއުގެ އެއްބަސްވުމުގައި ކެނެޑާގެ ކުންފުންޏެއް ކަމަށްވާ އަބްރަކްސަސް ކުންފުންޏާއެކު ދިވެހި ސަރުކާރުން މިއަދު ސޮއިކޮށްފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސިންގަޕޫރަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން މިއަދު ފެށި "މޯލްޑިވްސް - ސިންގަޕޫރު" ބިޒްނަސް ފޯރަމްގެ ތެރެއިން އެ މަޝްރޫއުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމެވެ. އަބްރަކްސަސްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ޖޭމްސް ކޯލްޓާ އެޑީ އެވެ.
ސަަރުކާރުން ބުނެފައިވާ ގޮތުގައި ޖުމުލަ 187 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއްގެ ދަށުން ކުރިއަށްގެންދާ އެ މަޝްރޫއަކީ، 2028 ވަނަ އަހަރު ރާއްޖޭގެ ކަރަންޓުގެ 33 ޕަސަންޓު އިއާދަކުރަނިވި ހަކަތައަށް ބަދަލު ކުރުމަށް ކުރާ މަސައްކަތުގެ ދަށުން ހިންގާ މަޝްރޫއެއް ކަމަށެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި އެ މަޝްރޫއުގެ ސަބަބުން މިހާރު ތެލަށް ކުރާ ހަރަދުން 42 މިލިއަން ޑޮލަރު އަހަރަކު ސަލާމަތް ކުރެވޭނެ ކަމަށެވެ.
ސަރުކާރުން އަބްރަކްސަސް ކުންފުންޏާ ހަވާލުކުރި މަޝްރޫއު ނިންމަން އަމާޒު ކަނޑައަޅާފައިވަނީ 2027 ވަނަ އަހަރަށެވެ.
އެސްއީޒެޑްގައި ހިންގާ ފުރަތަމަ މަޝްރޫއުގައި ސަރުކާރުން ސޮއިކުރިއިރު، ފޯރަމްގެ ތެރެއިން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ސަރުކާރުގެ އަމާޒަކީ، އެއް ބިލިއަން ޑޮލަރުގެ މަޝްރޫއު އެސްއީޒެޑަށް ގެނައުން ކަމަށާއި މިހާތަނަށް 680 މިލިއަން ޑޮލަރުގެ މަޝްރޫއު ޔަގީންވެފައިވާ ކަމަށް ވިދާޅުވެފައެވެ.
އަލީ ޔާމިން
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް
ކުށް