މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލަން ހަދާ ތިލަމާލެ ބުރިޖުގެ 60 ޕަސެންޓް މަސައްކަތް ނިމިއްޖެއެވެ.

ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބުދުﷲ މުއްތަލިބު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބުރިޖުގެ އެންމެ އުނދަގޫ މަސައްކަތް ކަމަށްވާ ޕައިލްތައް ޖެހުމުގެ މަސައްކަތް ނިންމާލާފައިވާ ކަމަށެވެ. އެގޮތުން ބުރިޖަށް ބޭނުންވާ 263 ޕައިލް އެއްގަމާއި ކަނޑުގެ 68 ތަނެއްގައި ޖަހައި ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މި ކާމިޔާބީއާ އެކު ބުރިޖުގެ މުޅި މަޝްރޫއުގެ 60.84 ޕަސެންޓު މިހާރު މިވަނީ ނިމިފައި،" މިނިސްޓަރު ވިދާޅުވިއެވެ.

ތިލަމާލެ ބުރިޖުގައި ދުނިޔޭގެ އެންމެ އުސް ޕްރީކާސްޓް ސެގްމަންޓް ވެސް ވަނީ މިދިޔަ އޭޕްރީލް މަހު ބަހައްޓައިފައެވެ. ބުރިޖުގެ ތަނބުގެ ބައިގެ ދިގުމިނުގައި 8.23 މީޓަރު އަދި ފުޅާ މިނުގައި 25.37 މީޓަރު ހުންނަ މި ސެގްމަންޓުގެ ބަރުދަނުގައި 216.04 މެޓްރިކް ޓަނު ހުންނާނެއެވެ.

ރާއްޖޭގައި އިންޑިއާއިން ހިންގާ އެންމެ ބޮޑު މަޝްރޫއު، ތިލަމާލެ ބުރިޖު މަޝްރޫއު ދެ އަހަރުގެ ތެރޭގައި ނިންމުމަށް އެފްކޮންސްއާ އެކު ސޮއިކުރީ 2021 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. މިއީ އިންޑިއާ ސަރުކާރުގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އަދި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުގެ ދަށުން ހިންގާ މަޝްރޫއެކެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2022 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ.

1 ޖުލައި 2025، ތިލަމާލެ ބުރިޖު މަޝްރޫއުގެ މަސައްކަތްތައް ކުރިއަށްދަނީ -- ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބުދުﷲ މުއްތަލިބު

އެ މަޝްރޫއުގެ ދަށުން 6.7 ކިލޯމީޓަރުގެ ދިގު ބުރިޖާއެކު ކޯޒްވޭ ލިންކުގެ ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބުރިޖުތަކުގައި 140 ކިލޯމީޓަރު ހުންނާނެއެވެ. އޭގެ އިތުރުން ފުން ފަޅުތަކުގައި 1.45 ކިލޯމީޓަރަށް މެރިން ވިއާޑަކްޓާއި މޫދު/ގޮނޑުދޮށުގައި 2.32 ކިލޯމީޓަރު މެރިން ވިއާޑަކްޓް، އަދި ބިމާ އެއް ހަމައެއްގައި 2.96 ކިލޯމީޓަރުގެ މަގު ހިމެނެއެވެ.

މާލެއާއި ވިިލިމާލެ ބުރިޖު ގުޅޭ ހިސާބުގައި ޓްރެފިކް ލައިޓު ހަރުކުރެވިފައި ހުންނާނެއެވެ. ގުޅިފަޅު އަދި ތިލަފުށި ބުރިޖުގައި ހުންނާނީ ވަށްބުރު ޖަންކްޝަނެވެ. ކޮންމެ ރަށެއްގައި ވެސް ރަށުތެރެއަށް ގުޅާލެވިފައިވާ ބަސް ސްޓޭޝަންތައް ހުންނާނެއެވެ. އަދި ސޯލާ ޕެނަލްތައް ހަރުކޮށް ބޮކިތައް ސޯލާ ޕަވާއިން ދިއްލޭ ނިޒާމު ހަަމަޖެހޭނެއެވެ.